މާކޮސް އޮލޮންސޯގެ ދެ ގޯލުން ޓޮޓެންހަމްގެ މައްޗަށް ޗެލްސީން ކުރި ހޯދައިފިއެވެ.
ރޭ ކުޅުނު މި މެޗުން ޓޮޓެންހަމްގެ މައްޗަށް ޗެލްސީން ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ.
ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ގޯޅް ޖަހާ ލީޑުނެގީ ޗެލްސީންނެވެ. މެޗުގެ ވަރަށް ކުރީކޮޅު 24 ވަނަ މިނެޓުގައި ޗެލްސީއަށް މި ގޯލް ކާމިޔާބުކޮށްދިނީ މާކޯ އޮލޮންސޯއެވެ. އޭނާ މި ގޯލް ކާމިޔާބުކޮށްފައިވަނީ ލިބުނު ހިލޭޖެހުމަކުންނެވެ.
ޗެލްސީގެ މި ގޯލަށްފަހު ޓޮޓެންހަމްއިން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްލަން، ރަނގަޅު ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބިގެން ގޮސްފައެވެ.
އެގޮތުން ކޭން ފޮނުވާލި ހަމަލާއެއް ވަނީ، ޗެލްސީގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މީގެއިތުރުން ބެން ޑޭވިސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ޗެލްސީގެ ކީޕަރު ކޯޓުއާ ވަނީ ދިފާއު ކޮށްފައިވެއެވެ.
ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގައި ކުޅެން ނިކުމެ ޓޮޓެންހަމްއިން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމްގެ މި ގޯލަކީ ދެވަނަ ހާފްގައި ކުޅެން އެރި ޗެލްސީގެ ފޯވާޑު ބަޓްޝުއާއީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
އެހެން ނަމަވެސް މެޗުގެ 88 ވަނަ މިނެޓްގައި އޮލޮންސޯ ވަނީ ދެވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ. އޮލޮންސޯ މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުން ޗެލްސީ މޮޅުވިއިރު އެޓީމު ވަނީ ފުރަތަމަ މެޗުގައި ބާންލީއަތުން 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޓޮޓެންހަމް ވަނީ ލީގުގެ ފުރަތަމަ މެޗުގައި ނިއުކާސަލް އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.