އިންގްލެންޑުގެ ހުނަރުވެރި ފޯވަރޑް ވޭން ރޫނީ 13 އަހަރު ވަންދެން ކުޅުމަށްފަހު، ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އެވަރޓަންއަށް ކުޅެމުން އަންނަ ރޫނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު ވަނީ އިނގިރޭސި ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިޢުލާން ކޮށްފައެވެ.
ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު މީޑިއާތަކަށް ރޫނީ ދިން އިންޓަވިއުގައި ބުނެފައިވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ޤައުމީ ޓީމަށް ކާމިޔާބީ ހޯދާދިނުގެ ފަހަތުގައި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރޫނީ ބުންޏެވެ.
"ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ޒުވާން މޮޅެތި ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުން. އަހަރެން ފުޓްބޯޅައިގެ އާއިލާއިން ވައްކެއް ނުވަން. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ގައުމީ ޓީމާއެކު އަބަދުވެސް ހުންނާނަން." އިނގިރޭސި ގައުމީޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބިފައިވާ އުމުރުން 31 އަހަރުގެ ރޫނީ ބުންޏެވެ.
އިނގިރޭސި ޤައުމީ ޓީމަށް ރޫނީ ކުޅުން ހުއްޓާލިއިރު، އޭނާވަނީ ޖުމްލަ 119 މެޗް ޤައުމީ ޓީމާއެކު ކުޅެ، 53 ގޯލު ޤައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
ރޫނީއަކީ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްވަރުވެސް އެޓީމުގެ އޯލްޓައިމް ގޯލް ސްކޯރަރއެވެ.