ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވަން ބޭނުންވި މަޝްވަރާ ބައްދަލުވުން ނުބޭއްވާނެކަން ހާމަވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ މަޝްވަރާ ބައްދަލުވުންތައް ބޭއްވޭނީ ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޕާޓީތަކުގެ ލީޑަރުން މިނިވަންކޮށް ދައުލަތުން އެކި މީހުންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާތައް އަނބުރާ ގެންދިއުމުން ކަމަށެވެ.
ބައްދަލުވުމަށް ދައުވަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެފައިވަނީ މަޝްވަރާކުރަންޖެހޭނީ ޤައުމުގައި ހުރި މައްސަލަތަކަށް ކަމަށާއި މަޝްވަރާތަކުގައި ބައިވެރިވާންޖެހޭނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ.
ޑރ. ޝައިނީގެ ވާހަކަފުޅާއި ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އެއްވެސް ޝަރުޠެއް ނެތި ބައިވެރިވާން ސަރުކާރުން ބުނުމަކީ ވެސް ކުރެވޭ ޝަރުޠެއް ކަމަށެވެ.
އެމްޑީޕީގެ ރޭގެ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ޤައުމީ މަހާސިންތާ މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ޖަލްސާގައި ބައިވެރިވި 28 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އަހަރުގެ 8 މަސް ފާއިތުވި އިރުވެސް ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވުމެވެ.