ފްރެންޗް ލީގުގައި ހުކުރު ރޭ މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗައި އެމްބަޕޭ ކާމިޔާބު ކޮށްދިން ގޯލާއެކު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީން މޮޅުވެއްޖެއެވެ.
މެޓްޒްއާ ދެކޮޅަށް ރޭ ޕީއެސްޖީ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 1-5 ގެ ނަތީޖާއިންނެވެ.
މެޓްޒްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ 31 ވަނަ މިނެޓްގައި މެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑުނެގީ ޕީއެސްޖީންނެވެ. ނޭމާ ގެ އެހީތެރިކަމާއެކު މި ގޯލް ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އެޑިންސަން ކަވާނީއެވެ.
ޕީއެސްޖީން ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައި ވަނިކޮށް މެޗުގެ 35 ވަނަ މިނެޓްގައި މެޓްޒްއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު މެޓްޒްއަށް ކާމިޔާބުކޮށްދިނީ ރިވެއިރާއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މެޗުގެ ލީޑުނަގަން މެޓްޒްއަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރިވެއިރާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފްގެ ކުރީކޮޅު މެޓްޒްއިން ކުޅުން ރަނގަޅުކޮށް މޮޅަށް ކުޅެމުން ދިޔަނަމަވެސް އެޓީމަށް މައްސަލަތަކެއް ކުރިމަތިވީ އެމްބަޕޭއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު އަސޫ އެކޯޓޯއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
މެޗުގެ ފަހުހާފުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ހޭދަކުރަން ޖެހުނު އިރު ޕީއެސްޖީން ވަނީ އެކަމުގެ ފައިދާ ނަގައި މެޓްޒްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޕީއެސްޖީން ވަނީ އިތުރު ގޯލެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މިދިޔަ ޓްރާންސްފާ މާކެޓުގައި ލޯނެއްގެ ދަށުން އެ ކްލަބާ ގުޅުނު އެމްބާޕޭއެވެ. މިއީ ޕީއެސްޖީއަށް ބަދަލުވިފަހުން އޭނާ އެ ކްލަބަށް ކުޅެދިން ފުރަތަމަ މެޗެވެ.
ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ނޭމާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަވާނީއެވެ.
އަދި ޕީއެސްޖީގެ ފަހު ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކަސް މޯރާއެވެ.
މި މޮޅާއެކު ޕީއެސްޖީ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ލިބުނު 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕީއެސްޖީއަށް ވުރެ އެއް މެޗު މަދުން ކުޅެގެން 12 ޕޮއިންޓާއެކީ އޮތީ މޮނާކޯއެވެ. ޕީއެސްޖީ އަތުން ރޭ ބަލިވި މެޓްޒްއަށް މިހާތަނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ލިޔޯންއާއެވެ.