ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން ގޯލްތަކާ އެކު އެސްޕަންޔޯލްގެ މައްޗަށް ކުރިހޯދާ ސްޕެނިޝް ލީގުގެ އެއް ވަނަމަޤާމަށް ބާސެލޯނާ ޖެހިލައިފިއެވެ.
ބާސެލޯނާ ރޭ މޮޅުވެފައިވަނީ 0-5 ގެ ނަތީޖާއަކުންނެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނެގީވެސް ބާސެލޯނާއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ގޯލް ބާސާއަށް ކާމިޔާބު ކޮށްދިނީ މެސީއެވެ. މެޗުގައި ބާސާއިން ޖެހި ދެވަނަ ގޯލްވެސް މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީވެސް މެސީއެވެ.
ދެ ގޯލްގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބާސާއިން ނިންމާލިއިރު، ބާސާގެ ތިންވަނަ ގޯލް 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށް މެސީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ބާސާގެ ހަތަރު ވަނަ ގޯލް 87 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ޖެހިއިރު، ފަހު ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް ސުއަރޭޒެވެ.
ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. ވާދަވެރި ރެއާލް މެޑްރިޑް އިއްޔެ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލެވަންޓޭއާ 1-1 އިން އެއްވަރުވިއިރު އެ ޓީމު އޮތީ ފަސް ޕޮއިންޓާ އެކު ހަ ވަނައިގައެވެ.
ބާސާ ދެން އެންމެ އަވަހަށް ނިކުންނާނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށެވެ.