ޗެލްސީން ލެސްޓަރގެ މައްޗަށް ކުރިހޯދައިފި.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން 1-2 ގެ ނަތީޖާއިން ލެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައި ޕްރިމިއަރ ލީގުގެ ތިންވަނަ މަގާމަށް ޗެލްސީން އަރައިފިއެވެ.
ލެސްޓަރގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޗެލްސީންނެވެ. އަޒްޕެލިކުއެޓާރގެ އެހީތެރިކަމާއެކު މި ގޯލު ކާމިޔާބުކޮށްދިނީ ޗެލްސީގެ ފޯވަރޑް އަލްވަރޯ މޮރާޓާއެވެ. މިއީ ލީގުގައި މޮރާޓާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
މި ގޯލަށްފަހުވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިގެން ގޮސްފައެވެ.
ލީޑުގައި އޮވެ ޗެލްސީން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެންގޯލޯ ކަންޓޭ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ކަންޓޭ މި ގޯލު ކާމިޔާބުކުރީ ލެސްޓާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ލެސްޓަރއިން އެޓީމުން މެޗުގައި ޖެހި ހަމަ އެކަނި ގޯލް މެޗުގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޖޭމީ ވާޑީއެވެ. މި ޕެނަލްޓީ ލެސްޓާއަށް ލިބުނީ ވާޑީއަށް ޗެލްސީގެ ގޯލްކީޕަރު ކޯޓުއާ ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން ލެސްޓަރއިން މަސައްކަތްކުރިއިރު އެޓީމަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ ވާޑީގެ ބޮލުގައި ލައްވައިނުލާ ގޯލްކުރިމަތިން ދިޔައީ ހުސްކޮށެވެ. މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު ލީގުގެ ތިންވަނައިގައި ޗެލްސީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ޗެލްސީ އަތުން ރޭ ބަލިވި ލެސްޓަރ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ 17 ވަނައިގައެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ. ލެސްޓަރ ނިކުންނާނީ ހަޑަލްސްފީލްޑްއާ ދެކޮޅަށެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލްއިން ވަނީ ބޯންމަތްގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. އަދި އެވަރޓަންގެ މައްޗަށް ޓޮޓެންހަމްއިން ވެސް ވަނީ 0-3 ގެ ނަތީޖާއިން ކުރިހޯދާފައެވެ.