ސްޓޯކް ސިޓީއަތުން ޔުނައިޓެޑަށް މޮޅެއް ނުވެވުނު...!

ކިޔުމަށް ހޭދަވާނީ 1މ 38ސ
ސްޓޯކް ސިޓީއަތުން ޔުނައިޓެޑަށް މޮޅެއް ނުވެވުނު...!


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑުން މޮޅުވިޔަނުދީ ސްޓޯކް ސިޓީން ހިފަހައްޓައިފިއެވެ.

މިދެޓީމު ރޭ ބައްދަލުކުރި ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ލީގުގެ އެއްވަނައިގައެވެ. ހަމަ މިއަދަދަށް ސިޓީއަށް ވެސް ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ޔުނައިޓެޑާއި ރޭ އެއްވަރުކުރި ސްޓޯކް އޮތީ ފަސް ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ.
ސްޓޯކްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ސްޓޯކް ސިޓީންނެވެ. މެޗުގެ 43 ވަނަ މިނެޓްގައި މި ލަނޑު ސްޓޯކަށް ކާމިޔާބު ކޮށްދިނީ ޗުޕަ މޯޓިންއެވެ.


އެހެން ނަމަވެސް އޭގެ ދެ މިނެޓްފަހުން މެޗުގެ 45 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ކާމިޔާބު ކޮށް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑުނަގާދީފައެވެ. އެހެން ނަމަވެސް މި ލީޑު ޔުނައިޓެޑުން ޖަހާ ލީޑު ނެގިތާ ފަސްމިނެޓު ފަހުން މެޗުގެ 63 ވަނަ މިނެޓްގައި ސްޓޯކްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި ޗުޕަ މޯޓިންއެވެ.
މި މެޗުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ސްޓޯކްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑުން ވަނީ ފޮނުވާލާފައެވެ. އެގޮތުން ލުކާކޫ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވިއިރު ފިލް ޖޯންސް ބޮލުން ފޮނުވާލި ހަމަލާ ސްޓޯކްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ލީގުގައި ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ނިމުން އައިސްފައިވާއިރު އެޓީމުން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅުވެފައެވެ.ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ.
މިއަދު އޮންލައިން