އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެރޭ ލާޒިއޯ އާއި އޭސީ މިލާން ބައްދަލުކުރި މެޗުން ލާޒިއޯ މޮޅުވެއްޖެއެވެ.
ރޭ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ލާޒިއޯ މޮޅުވެފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.
ލާޒިޔޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ ފުރަތަ ގޯލް ޖަހާ ލީޑުނަގާފައިވަނީވެސް ލާޒިއޯއިންނެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑުނަގައިދިނީ ސިރޯ އިމޯބިލޭއެވެ.
ފުރަތަމަ ހާފް ނިމުމުގެކުރިން މެޗުގެ 43 ވަނަ މިނެޓުގައި އިމޯބިލޭ ވަނީ ލާޒިޔޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލާޒިޔޯއިން ނިންމާލިއިރު މެޗުގެ 48 ވަނަ މިނެޓްގައި އިމޯބިލޭ ވަނީ ލާޒިޔޯގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މި ގޯލު ކާމިޔާބުކުރިތާ މިނެޓެއްފަހުން ލުއިސް އަލްބާޓޯ ވަނީ ލާޒިޔޯގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މިލާންގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރިކާޑޯ މޮންޓޮލީވޯއެވެ.
މެޗުގެ އެންމެފަހު މިނެޓްގައި މިލާންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލާޒިއޯގެ ޕަރޯލޯއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމާއެކު ލާޒިއޯއިން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއި އެކުގައެވެ.
މި ނަތީޖާއާއެކު މިލާން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައެވެ. ލާޒިޔޯ އޮތީ ހަތް ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު އޮތީ ޔުވެންޓަސްއެވެ.