ރޮނާލްޑޯގެ ދެ ގޯލުން ރެއާލް މޮޅުވެއްޖެ.

ކިޔުމަށް ހޭދަވާނީ 1މ 15ސ
ރޮނާލްޑޯގެ ދެ ގޯލުން ރެއާލް މޮޅުވެއްޖެ.
ޗެމްޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުން ރެއާލް މޮޅުވެފައިވަނީ ސައިޕްރަސްގެ އެޕޮއެލްއާ ވާދަކޮށް 0-3 ގެ ނަތީޖާއިންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގުެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ގޯލް ޖަހާ ލީޑުނެގީވެސް ރެއާލްއިންނެވެ. މެޗުގެ 12 ވަނަ މިނެޓްގައި ބޭލް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލްއަށް ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލްއިން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ރެއާލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި މެޗުގެ 61 ވަނަ މިނެޓްގައި ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީ ހެޓްރިކެއް ހަދަން ރަނގަޅު ދެތިން ފުރުސަތެއް ދެވަނަ ހާފްގައި ރޮނާލްޑޯއަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ރެއާލްއާއެކު ގްރޫޕް އެޗްގައި ދެން ހިމެނޭ ޓޮޓެންހަމްއިން ރޭ ވަނީ 1-3 ގެ ނަތީޖާއަކުން ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި ރެއާލް ދެން ބައްދަލުކުރާނީ ޖަރުމަނުގެ ބިރޫޝިއާ ޑޯޓްމަންޑާއެވެ.

މިއަދު އޮންލައިން