ޔޫރޮޕާ ލީގު: ސަންޗޭޒްގެ ގޯލާއެކު އާސެނަލްއަށް މޮޅެއް..!

ކިޔުމަށް ހޭދަވާނީ 1މ 29ސ
ޔޫރޮޕާ ލީގު: ސަންޗޭޒްގެ ގޯލާއެކު އާސެނަލްއަށް މޮޅެއް..!
ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޖަރުމަނުގެ ކޮލޯންއާއި ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 9 މިނެޓުގައި ކޮލޯން އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮޑޯބާ އެވެ.

މި ލަނޑަށްފަހުވެސް ކޮލޯން އިން ދިޔައީ އާސެނަލްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެހެންނަމަވެސް އާސެނަލް އިން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ހޯދާ ކޮލޯންގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެހެން ނަމަވެސް އާސެނަލްއަށް ވަނީ ކޮލޯންގެ ގޯލަށް ބޯޅައެއް ވައްދާ ލެވޭގޮތް ނުވެފައެވެ.

އެގޮތުން ކޮލޯން އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ 0-1 ގެ ނަތީޖާއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް އާސެނަލް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަސިނަކް އެވެ. މި ލަނޑަށްފަހުވެސް އާސެނަލް އިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކާ ކޮލޯންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން 67 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެލެކްސަސް ސަންޗޭޒް ވަނީ ލަނޑެއް ކާމިޔާބު ކޮށް އާސެނަލް އަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މެޗު ނިމުމުގެ ކުރިން އާސެނަލް އަށް ލީޑު ފުޅާކޮށްދިނީ ހެކްޓާ ބެލެރިން އެވެ. މެޗުގެ ފަހު 10 މިނެޓު އާސެނަލް އިން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެންނެވެ.

މި ނަތީޖާއާ އެކު މޮޅަކުން ނިންމާލިއިރު އާސެނަލް ދެން ނިކުންނާނީ ބެލަރޫސް ގެ އަބާޓޭއާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.
މިއަދު އޮންލައިން