ޤާނޫނަށް ބަދަލުގެނައިއިރު ކަސްޓމްސްގެ އުޞޫލުތަކަށް ބަދަލު ނުގެންނާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު: އޭސީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤާނޫނަށް ބަދަލުގެނައިއިރު ކަސްޓމްސްގެ އުޞޫލުތަކަށް ބަދަލު ނުގެންނާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު: އޭސީސީ
މޯލްޑިވްސް ކަސްޓަމްސްގެ ޤާނޫނަށް ބަދަލުތައް ގެނައި ނަމަވެސް ކަސްޓަމްސް އިން އަމަލުކުރާ އުޞޫލުތަކަށް ބަދަލުތައް ނުގެންނާތީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ގެއްލުންވެފައިވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެގެން ދިއައީ އޭސީސީ އިން މިއަދު ހާމަކުރި ކަސްޓަމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓުންނެވެ.

2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ބަލައިފިނަމަ 246 ކުންފުނިން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް މައުލުމާތު ދިނުމުގައި އޮޅުވާލައި ޑިޔުޓީއަށް މަކަރު ހަދައިފައެވެ. އެކަންކަމާއި ގުޅިގެން ޖުރިމަނާކުރި ކުންފުނިތަކުގެތެރެއިން 20 ކުންފުނިން ޖުރުމަނާ ފައިސާވެސް ނުދައްކާތީ ޚިދުމަތް ދިނުން ވަނީ ސަސްޕެންޑްކޮށްފައެވެ.

އެރިޕޯޓުގައިވާ ގޮތުން މީގެ ތެރެއިން 12 ކުންފުންޏަށް ދައުވާކުރަން ވަނީ ޕީޖީއަށް ފޮނުވާފައެވެ. އެއިގެ ތެރެއިން 6 ކުންފުންޏަކުން ވަނީ ޝަރީއަތަށް ދިއުމުގެ ކުރިން ފައިސާ ދައްކައިފައެވެ. 4 ކުންފުންޏެއްގެ މައްސަލަތައް އަދިވެސް ހުރީ ކޯޓުގައެވެ. އެއިގެ މާނައަކީ ކޯޓުގައި އެ މައްސަލަތައް ހުންނަތާ އަހަރުތަކެއް ވެއްޖެކަމެވެ.

ދައުލަތަށް ދައްކަންޖެހޭ ޖުރުމަނާ ނުދައްކާ ކުންފުނިތަކަށް ޚިދުމަތް ދިނުން ސަސްޕެންޑްކުރުމުން އެހެން ނަންނަމުގައި ކުންފުނިތައް ހަދައިގެން ޚިދުމަތް ހޯދަމުން ގެންދާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލަތައް ހައްލުކުރުމަށްޓަކައި އޭޖީ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި މަޝްވަރާކުރުމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.
މިއަދު އޮންލައިން