އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ
.
އާސެނަލް އަދި ޗެލްސީ ބައްދަލުކުރި މި މެޗު އެއްވަރުވެފައިވަނީ 0-0 ގެ ނަތީޖާއިންނެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމުން ވަނީ މި ހާފުގައި ތަނަވަސްކޮށްފައެވެ
.
އެގޮތުން ރަމްސީ ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ލަކަޒެޓް ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.
މީގެއިތުރުން އާސެނަލްގެ ޒުވާން ފޯވާޑް ވެލްބެކްއަށް ވެސް ވަނީ ގޯލްޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ
.
މި ހާފުގައި ގޯލްޖަހަން ޗެލްސީއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ޕެޑްރޯއަށެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ޕެޑްރޯ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޗެކް ވަނީ ދިފާއުކޮށްފައެވެ
.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ގޯލްޖަހަން ދެ ޓީމުންކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެއް ނުވެއެވެ
.
މެޗުގެ 87 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ދެއްކި ރަތްކާޑާ ގުޅިގެން މި މެޗު އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. ލުއިޒްއަށް ރަތްކާޑު ދެއްކީ އާސެނަލްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ
.
މި ނަތީޖާއާއެކު ޗެލްސީ މިހާރު އޮތީ 10 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. އާސެނަލް އޮތީ ހަތް ޕޮއިންޓާއެކު ލީގުގެ 12 ވަނައިގައެވެ. އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ
.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ސްޓޯކް ސިޓީއާއެވެ. އާސެނަލް ބައްދަލުކުރާނީ ވެސްޓްބްރޮމްއާއެވެ.