ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް މޮޅުވެއްޖެ !

ކިޔުމަށް ހޭދަވާނީ 1މ 23ސ
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް މޮޅުވެއްޖެ !

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ޓޮޓެންހަމް މޮޅުވެއްޖެއެވެ.

ގްރޫޕް އެޗްގައި ހިމެނޭ ޓޮޓެންހަމް ރޭ މޮޅުވީ ސައިޕްރަސްގެ އަޕޮއެލްއާ ބައްދަލުކުރި މެޗުން 0-3 އިންނެވެ.

އަޕޮއެލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އްޕޮއެލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
އެގޮތުން އަޕޮއެލްގެ ކާމާގޯ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އަނެއް ހަމަލާތަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ލޮރިސް ދިފާއުކޮށްފައެވެ.

ޓޮޓެންހަމްއިން އެތީމުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނަގާފައިވަނީ މެޗުގެ 39 ވަނަ މިނެޓްގައި ހެރީ ކޭން ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗުގެ 62 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ކޭން ކާމިޔާބުކޮށްދިންއިރު އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ކޭން ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުގައި ތިން ގޯލު ކޭން ކާމިޔާބުކުރިއިރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑޯޓްމަންޑާ ދެކޮޅަށް ޓޮޓެންހަމްއިން ކުޅުނު މެޗުގައި އޭނާ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެހެން ކަމުން ކޭން ކާމިޔާބު ކުރި ގޯލުގެ އަދަދު މިހާރުވަނީ 5 އަށް އަރާފައެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ގްރޫޕް އެޗްގެ ދެވަނައިގައި ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޑޯޓްމަންޑް އަދި އަޕޮއެލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން