ރޮނާލްޑޯގެ ދެ ލަނޑާއެކު ޑޯޓްމަންޑް އަތުން ރެއާލް މޮޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 50ސ
ރޮނާލްޑޯގެ ދެ ލަނޑާއެކު ޑޯޓްމަންޑް އަތުން ރެއާލް މޮޅުވެއްޖެ


ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރޭ ޑޯޓްމުންޑުގެ މައްޗަށް ރެއާލް އިން ކުރިހޯދާފައިވަނީ 1-3 ގެ ނަތީޖާއިންނެވެ.

މި މޮޅާއެކު ރެއާލް މިހާރު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމްއަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ރެއާލްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޑޯޓްމަންޑް އަދި އަޕޮއެލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަވަހާލްގެ އެހީތެރިކަމާއެކު ގެރެތް ބޭލްއެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލްއަށް ވަނީ ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފް ރެއާލްއިން ނިންމާލިއިރު، މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ރެއާލްއިން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ގޯލް ރެއާލްއަށް ކާމިޔާބު ކޮށްދިނީ ބޭލް ދިން ޕާހަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އޯބަމަޔަން ވަނީ ޑޯޓްމަންޑަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މި ގޯލަށްފަހު ޑޯޓްމަންޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް ރެއާލްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުން ރެއާލްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ގޯލްވެސް ރެއާލްއަށް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ.

ރޭގެ މެޗަކީ ރޮނާލްޑޯ ރެއާލްއަށް ކުޅެދިން 400 ވަނަ މެޗު ކަމަށްވާއިރު މި ދެ ގޯލާއެކު އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 412 އަށް އަރާފައެވެ. ގްރޫޕް ސްޓޭޖުގައި ރެއާލް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާއެވެ.
މިއަދު އޮންލައިން