ލުކާކޫ ކާމިޔާބު ކޮށްދިން ދެ ލަނޑުން ޔުނައިޓެޑު މޮޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 31ސ
ލުކާކޫ ކާމިޔާބު ކޮށްދިން ދެ ލަނޑުން ޔުނައިޓެޑު މޮޅުވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކުމެންޗެސްޓަރޔުނައިޓެޑުންކާމިޔާބުކޮށްފިއެވެ.
ރޭ ގެ މެޗުން ޔުނައިޓެޑު މޮޅުވީ ސީއެސްކޭ މޮސްކޯއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ބާސެލް އަދި ތިންވަނައިގައި އޮތް ބެންފީކާއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ސީއެސްކޭއޭއެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ގޯލެއް ކާމިޔާބު ކޮށް މެޗުގެ ލީޑުނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ލުކާކޫއެވެ. އަދި މެޗުގެ 18 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ގޯލު މާޝިއަލް ކާމިޔާބުކޮށްދިންއިރު މެޗުގެ 25 ވަނަ މިނެޓުގައި ލުކާކޫ ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ރޭގެ މެޗުގައި ލުކާކޫ ކާމިޔާބުކުރި ގޯލާއެކު އޭނާ މިހާރު ވަނީ ޔުނައިޓެޑަށް މި ސީޒަނުގައި ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 10 އަށްއަރާފައެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރުވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެންރިކް މިކިތާރިޔަންއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބާސެލޯނާ އިން ވަނީ ސްޕޯޓިން ލިސްބަންގެ މައްޗަށް 0-1 އިން ކުރި ހޯދާފައެވެ. އަދި ބާސާއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ޔުވެންޓަސް އިން ވަނީ އޮލިމްޕިއާކޯސްގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ބާސާއެވެ. ދެވަނައިގައި އޮތީ ސްޕޯޓިން އެވެ. އަދި ތިންވަނައިގައި އޮތީ ޔުވެންޓަސްއެވެ.
މިއަދު އޮންލައިން