ފަހަތުން އަރާ ޗެލްސީން އެތްލެޓިކޯގެ މައްޗަށް ކުރިހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 38ސ
ފަހަތުން އަރާ ޗެލްސީން އެތްލެޓިކޯގެ މައްޗަށް ކުރިހޯދައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އެތްލެޓިކޯ މެޑްރިޑާ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗު ޗެލްސީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ.

އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ މި ހާފުގެ ކުރީކޮޅު ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ހޯދާފައެވެ. އެގޮތުން ހަޒާޑް ފޮނުވާލި ހަމަލާއެއް އެތްލެޓިކޯގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު މޮރާޓާ ބޮލުން ފޮނުވާލި ހަމަލާއެއް އެތްލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ދިފާއުކޮށްފައެވެ.

ޗެލްސީން ރަނގަޅަށް ކުޅެމުން ދަނިިކޮށް މެޗުގެ 40 ވަނަ މިނެޓްގައި އެތްލެޓިކޯއަށް ލިބުނު ޕެނަލްޓީއަކުން އެޓީމު ވަނީ މެޗުގެ ލީޑުނަގާފައެވެ. އެތްލެޓިކޯގެ ކުޅުންތެރިއަކަށް ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދީ އެތްލެޓިކޯއަށް ލީޑުނަގައިދިނީ އެންޓޮނީން ގްރިޒްމަންއެވެ.

އެތްލެޓިކޯ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިނަމަވެސް ދެވަނަ ހާފްގައި ޗެލްސީން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ލަނޑެއްޖަހާ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ޗެލްސީ މޮޅުވި ގޯލު މެޗުގެ އެންމެފަހު މިނެޓްގައި އޮލޮންސޯ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި މޮޅާއެކު ޗެލްސީ މިހާރު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ރޯމާ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ އެތްލެޓިކޯއެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ގަރަބާގްއެވެ.

ގްރޫޕް ސްޓޭޖުގައި ޗެލްސީން ދެން ބައްދަލުކުރާނީ ރޯމާއާއެވެ. އެތްލެޓިކޯ ނިކުންނާނީ ގަރަބާގްއާ ދެކޮޅަށެވެ.
މިއަދު އޮންލައިން