ބްރިޖްގެ މަސައްކަތާއިއެކު ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދުމަށް ބިން ހިއްކަން މިއަދު ފަށާފައިވާ ކަމަށާއި ހަތް ދުވަހާއި 10 ދުވަސް ތެރޭ އެބިން ހިއްކާ ނިމޭނެ ކަމަށެވެ.
މާލެއާއި ހުޅުލެއާއި އަޅާ ބްރިޖާއި ހުޅުމާލެ ގުޅުވާލަދޭ މަދު ހެދުމަށް ހައުސިންގ މިނިސްޓްރީ އިން ހަވާލުކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ. އެމަސައްކަތް އެޗްޑީސީ އާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވަނީ، ހުޅުލެއާއި ހުޅުމާލެއާއި ދެމެދު އެޅޭ ހައިވޭގެ މަސައްކަތް 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގެދަށުން މާލެއާއި ހުޅުލެއާއި ދެމެދު އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ސުޕަސްޓްރަކްޗަރ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.