ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ފޯވަރޑް މާކޯ އެސެންސިއޯ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އެސެންސިއޯ ރެއާލްގެ އެއްބަސްވުން އާކުރީ އިތުރު ފަސްއަހަރު ރެއާލްގައި މަޑުކުރާގޮތަށެވެ. އެހެން ކަމުން އޭނާ 2023 ވަނަ އަހަރުގެ ނިޔަލަށް ރެއާލްގައި މަޑުކުރާނެއެވެ.
އުމުރުން 21 އަހަރުގެ އެސެންސިއޯ ބުނީ ރެއާލްގެ އެއްބަސްވުން އާކުރެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާގެ އަމާޒަކީ ރެއާލްއާއެކު ވީހާވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކުރުމަށް ކަމަށެވެ.
" ރެއާލްގެ އެއްބަސްވުން އާކުރަން ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް. ބޭނުންވަނީ ރެއާލްއާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކުރަން. އަހަރެން މިވަގުތު މިހުރީ ރަނގަޅު ފޯމެއްގަ. ކުޅުމުގެ ފުރުސަތު ކޯޗުދޭ ކޮންމެ ފަހަރެއްގަ އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އަހަރެން މަސައްކަތް ކުރާނަން" އެސެންސިއޯ ބުންޏެވެ.
2014 ވަނަ އަހަރު ރެއާލްއާއި ގުޅުނު އެސެންސިއޯ އަންނަނީ ރެއާލްގައި މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެސެންސިއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ގޯލެއް ކާމިޔާބުކޮށް ސްޕެނިޝް ލީގު ރެއާލްއާއެކު ކާމިޔާބުކޮށްފައެވެ.
މި ސީޒަނުގެ މިހާތަނަށް ކުޅުނު 10 މެޗުގައި އެސެންސިއޯ ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.