މެންޑީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް!

ކިޔުމަށް ހޭދަވާނީ 1މ 18ސ
 މެންޑީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް!
މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ ބެންޖަމިން މެންޑީއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ ޑިފެންޑަރ މެންޑީއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެ ކަމަށާއި އެގޮތުން އަންނަ އަހަރުގެ އޭޕްރީލް އާ ހަމައަށް މެންޑީ ކުޅުމާއި ދުރުގައި ހުންނަން ޖެހޭކަމަށެވެ.

މެންޑީގެ ފަޔަށް އަނިޔާވެފައިވަނީ ޕްރިމިއަރ ލީގުގައި 0-5 އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް ސިޓީން ކުރި ހޯދި މެޗުގެ ފުރަތަމަ ހާފުގައެވެ.

ކުރިން ހީކުރިވަރަށްވުރެ މެންޑީއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ވާއިރު، ސިޓީން ބުނެފައިވަނީ މި އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ ކަމަށާއި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލާ ހަމަޔަށް (އޭޕްރީލް) ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.

މެންޑީ ނެތުމުން ސިޓީން ކުޅޭ ގޮތްވެސް ބަދަލުކުރަންޖެހިފައިވާ ކަމަށާއި އޭނާ ނެތްތަން ފޫނުބެއްދޭނެ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފައެވެ.

" މެންޑީއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަންޖެހުމަކީ ލިބުނު ހިތާމައެއް. މެންޑީ ނެތްތަން ފޫބެއްދުމަކީ އުނދަގޫކަމެއް" ސިޓީގެ ކޯޗު ގާޑިޔޯލާ ބުންޏެވެ. މޮނާކޯއަށް ކުޅެމުން އައި މެންޑީ ސިޓީއަށް ބަދަލުވީ 49.2 މިލިއަން ޕައުންޑްގެ އަގަކަށެވެ.

މެންޑީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު އަންނަ ޖެނުއަރީ ޓްރާންސްފާގައި ސިޓީން އިތުރު ޑިފެންޑަރަކު ގެންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދު އޮންލައިން