ހުރިހާ މުއުމިނުންނަކީ ވެސް އެކަކު އަނެކަކުގެ އަޚުންތަކެއް ކަމަށްވާއިރު، އެކަކު އަނެކަކަށް ލިބޭ ހިތާމަ ނުވިސްނެނީ ކީއްވެކަމާއިމެދު އިއްޔެގެ ދަރުސްގައި ޝެއިޚް ޖައުފަރު އާދަމް ސުވާލު ކުރައްވައިފިއެވެ.
އަލްމަސްޖިއްދުލް މުޙައްމަދު ބިން ޢަބްދުﷲ ވިޔަފާރިވެރިންގެ މިސްކިތުގައި އިއްޔެ ޢަސްރު ނަމާދަށްފަހު ބޭއްވި ދަރުސްގައި، ޝެއިޚް ވާހަކަފުޅު ދައްކަވާފައިވަނީ މުސްލިމުން އެކަކު އަނެކަކު މެރުމާއި ބެހޭ ގޮތުންނެވެ.
އިއްޔެގެ މިދަރުސްގައި ޝެއިޚް ޖައުފަރު ވިދާޅުވީ، ފުރިހަމަ މުސްލިމަކު އަނެއް މުސްލިމެއް، އެއްވެސް ޙައްޤަކާއި ނުލާ ނުމަރާނެ ކަމަށެވެ. އަދި އެކަކުގެ ދަރި މެރުމުން އެމީހުންނަށް ވާނެ ދެރަ އެންމެންނަށް ވެސް އިޙުސާސް ކުރެވެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކަށް ވެސް އެކަން އިހުސާސް ކުރެވެން ޖެހޭ ތިމާގެ ދަރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ ތިމާގެ ގާތްތިމާގެ މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، ތިމާވާ ދެރައާއި އުފުލާ ވޭން، ހަމަ އެހެން މީހެއްވެސް އެމީހުންގެ ދަރިއަކަށް ނުވަތަ ގާތް ތިމާގެ މީހަކަށް ގެއްލުމެއް ލިބުމުން، އެވޭން އުފުލާނެކަން، ދެރަވާނެކަން. ތިމާގެ އަޚުންނާއި އުޚްތުންގެ ދަރިންނަށް އެފަދަ މުސީބާތެއް ދިމާވުމުން ތިމާއަށް އަސަރު ނުކުރަނީ ކީއްވެ؟" ޝެއިޚް އެއްސެވިއެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ކޮންމެ ޚުތުބާއެއްގައި އިވެމުން މިދަނީ، މުއުމިނުންތަކަކީ އަޚުންތަކެކެވެ. އެބައި މީހުންގެ ހަށިގަނޑުތަކަކީ އެއް ހަށިގަނޑެއްގެ މިސާލެކެވެ. އެބައިމީހުންގެ އިމާރާތަކީ އެއް އިމާރާތެއްގެ މިސާލެކެވެ. އެއިމާރާތުގެ އެއްބައި އަނެއްބަޔަށް ގަދަފަދަކަން ގެނެސްދެއެވެ. މިކަން މިހާރު އިސްލާމީ އުއްމަތުގައި ނެތީ ކީއްވެތޯ؟ އެކަންކަން އަޅުގަނޑުމެންނަށް ނުފެންނަނީ ކީއްވެތޯ؟ އުއްމަތުގައި މިހާރު މިއުޅޭ ޒުވާނުން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިޙުމާލުވަނީ ކީއްވެތޯ؟" ޝެއިޚް ޖައުފަރު ސުވާލު ކުރެއްވިއެވެ.
ޝެއިޚް ޖައުފަރު ވިދާޅުވީ، ފުރިހަމަ މުސްލިމެއް އަނެއް މުސްލިމަކު ގަތުލު ނުކުރާނެ ކަމަށާއި، މިއީ އެއް އުއްމަތެއް ކަމުގައިވާއިރު، އެކަކު އަނެކަކަށް ލިބޭ ދެރަ އިޙުސާސް ކުރެވެން ޖެހޭ ކަމަށެވެ.