ނަމާދުގަ ފޯނުބަލައިގެން ނުވަތަ ނުބަލައި ކިޔަވަނިކޮށްވެސް ސަޖިދަވަޅެއް އަތުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނަމާދުގަ ފޯނުބަލައިގެން ނުވަތަ ނުބަލައި ކިޔަވަނިކޮށްވެސް ސަޖިދަވަޅެއް އަތުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް!

ބައެއް މިސްކިތްތަކުގައި ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް ކިޔަވައެވެ. އެއީ މެދުތެރެއިން ތިލާވަތުގެ ސަޖިދައެއް ކުރަންޖެހޭ ސޫރަތެކެވެ. އެހިސާބުން އިމާމް މީހާ ތަކްބީރުކިޔައި ސަޖިދަކުރެއެވެ. ރުކޫޢެއް ނުކުރާނެއެވެ. ސަޖިދައިން ތެދުވަންވުމުންވެސް ތަކްބީރުކިޔައި ތެދުވެ ޙަރަމަބަނދެ ސޫރަތުން ދެން އޮތްބައި ކިޔަވައެވެ. ރުކޫޢުކުރާނީ ސޫރަތް ކިޔަވައި ނިމުމުން ނުވަތަ ކުރުކޮށްލައި ރުކޫޢަށްދާން ބޭނުންވުމުންނެވެ.  

އަލަށް މިޙާލަތު ދިމާވާ މީހުންނަށް ޢަމަލުކުރަން ނުއެނގި އޮޅުން އަރައެވެ. އެއީ ގިނަ މިސްކިތްތަކުގައި ކުރު ސޫރަތް ކިޔަވައިގެން ނަމާދުކުރާތީއެވެ. ދާދިފަހުން ފަތިސްނަމާދު އިމާމްވެ ކުރެއްވި ޝައިޚަކު ވިދާޅުވިއެވެ. "އަހުރެން މިރޭ ނަމާދުކުރާނީ ސުންނަތާ އެއްގޮތަށެވެ. ކުޑަތަންކޮޅެއް ދިގުވެލާތީ އެކަން ބުރައަކަށް ނުހަދާށެވެ!"  

ކޮންމެވެސް ބައަކު ދިގުވެގެން ޝަކުވާ ކުރިއެވެ. ގިނަ މީހުން ތިބީ ވަރަށް އުފަލުންނެވެ. އެއީ އެންމެ ފުރިހަމަ ގޮތުގައި ހުކުރުވިލޭރޭގެ ފަތިސްނަމާދުކުރެވުނީތީއެވެ. އިސްލާމީ މަރުކަޒުގައާއި އެހެންވެސް ބައެއް މިސްކިތްތަކުގައި އާދަކޮށް ހުކުރުވިލޭރޭގެ ފަތިސްނަމާދު އެގޮތަށް ކުރާތީ އެމިސްކިތްތަކަށް ގިނަ ބައަކު ދާކަންވެސް ފާހަގަކުރެވެއެވެ.  

ގުޅުންހުރި ސުވާލެއް!:  

ސުންނަތް ނަމާދު ތަކުގައި ފޯނު ބަލައިގެން ޤުރުއާން ކިޔަވަނިކޮން ސަޖިދަވަޅެއް އަތުވެއްޖެ ނަމަ ކިޔެވުން ހުއްޓާފައި ސަޖިދަޔަށްދާނީ ރުކޫޢު އާއި އިޢުތިދާލު ފުރިހަމަ ނުކޮށްތޯ؟  

ޖަވާބު:. ނަމާދުގައި ޤުރުއާން ކިޔަވަމުންދާއިރު ސަޖިދަވަޅެއް ދިމާވީމާ ސަޖިދަކުރާއިރު ރުކޫޢު ކުރާކަށް އަދި އިޢުތިދާލުގައި ހުންނާކަށް ނުޖެހޭނެއެވެ. ސަޖިދަވަޅާއި ހިސާބުން ސަޖިދަކޮށްފައި ތެދުވެ އިތުރަށް ކިޔަވާފައި ނޫންނަމަ އިތުރަށް ކިޔެވުމަކާއިނުލާ ރުކޫޢަށް ދާނީއެވެ.

 

-  ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.

 

މިއަދު އޮންލައިން