އާޝޫރާ ދުވަހަކީ ކޮބާ؟

ކިޔުމަށް ހޭދަވާނީ 2މ 35ސ
އާޝޫރާ ދުވަހަކީ ކޮބާ؟
މުޅި މުސްލިިމް އުއްމަތަށް ވެސް އެނގިފައިވާ ފަދައިން، އާޝޫރާ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހަކީ މުސްލިމުންނާއި އަދި ޔަހޫދީން ވެސް (ރޯދަ ހިފައިންގެން) ފާހަގަ ކުރާ ދުވަހެކެވެ.

މޫސާ އަލައިހިއްސަލާމްގެ ޒަމާނުގައި އެކަލޭގެފާނު ކޮންމެ މުޙައްރަމް މަހެއްގެ 10 ވަނަ ދުވަހު ރޯދަ ހިއްޕެވިއެވެ. އެއީ އެދުވަހަކީ ފިރްޢައުނުގެ ނުބައިކަމުން، މާތް ﷲ އެކަލޭގެފާނާއި އެކަލޭފާނުގެ ޤައުމުގެ މީހުން ސަލާމަތް ކުރެއްވި ދުވަސްކަމުގައި ވާތީ، އެކަމަށް ޝުކުރުވެރިވެ އެދުވަސް ހަނދުމަ ކުރުމުގެ ގޮތުންނެވެ. އެކަލޭގެފާނަށްފަހު ބައެއް ޔަހޫދީން ވަނީ އެކަން ދަމަހައްޓާ، މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާފައެވެ.

އެކަން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެނގުމުން އެކަލޭގެފާނު ޙަދީޘްކުރެއްވީ "މޫސާ އަލައިހިއްސަލާމް ސަލާމަތް ކުރެއްވި ދުވަސް ފާހަގަ ކުރެއްވުން އެންމެ އައުލާކަން ބޮޑީ ތިމަންމެން (މުސްލިމުން)" ކަމަށާއި "އެހެންކަމުން ދެން ޖެހިގެން އަންނަ އަހަރަކުން ފެށިގެން، މާތް ﷲ ގެ އިރާދަފުޅާއިއެކު، ތިމަންކަލޭގެފާނު ދުނިޔޭގައި ހުރެއްޖެނަމަ މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިއްޕަވާނަން" ކަމަށެވެ. މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހުވެސް ރޯދަ ހިއްޕަވަން އެކަލޭގެފާނު ނިންމެވީ އެއީ ޔަޙޫދީންނާއި އެއްފަދަ ނުކުރުމަށެވެ. އެބައިމީހުން ރޯދަ ހިފަނީ ހަމައެކަނި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. ދީނީ ބައެއް ޢިލްމުވެރިން މިހާރު ވިދާޅުވާ ގޮތުގައި، މުޙައްރަމް މަހުގެ 9، 10 އަދި 11 ވަނަ ދުވަހުގައި ވެސް ރޯދަ ހިފުން، އިތުރުކަން ބޮޑުވެގެން ވެއެވެ.

"އާޝޫރާ" މާނައަކީ ހަނދުމަ ކުރުމެވެ. މިދުވަހާއިމެދު ހަނދުމަވާ، އިސްލާމީ ތާރީޚުގައި ހިމެނިގެންވާ އަނެއް ހާދިސާއަކީ އިމާމް ޙުސެއިން ބިން ޢަލީ ރަޟިއަﷲ އަންހު. ޝަހީދު ކޮށްލެވުނު ހާދިސާއެވެ.

އިމާމު ޙުސެއިން އަކީ ފާތިމަތުއް ޒަޙްރާ ރަޝިއަﷲ އަންހާ އާއި ޢަލީ ރަޟިއަﷲ އަންހުގެ އެއްމާބަނޑު ދެދަރިކަލުންގެ ތެރެއިން ހަގު ދަރިކަލެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ މާފާ ދަރިކަލުން ވެސް މެއެވެ.

އިސްލާމީ ތާރީޚުން ހާމަވާ ގޮތުގައި، އިމާމު ޙުސެއިން ޝަހީދުކޮށްލީ ހިޖްރީ އިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު، ކަރްބަލާގެ ހަނގުރާމައިގައެވެ. އެހަނގުރާމައިގާ އެކަލޭގެފާނުގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނާއި ސަޙާބީންވެސް ޝަހީދު ކޮށްލިއެވެ.

އިސްލާމީ ތާރީޚުން ހާމަވާ ގޮތުގައި، އިމާމް ޙުސެއިން ޝަހީދު ކޮށްލެވުނު ދުވަހުން ފެށިގެން، ކޮންމެ އަހަރެއްގެ ވެސް އާޝޫރާ ދުވަހު، ޝިއާ (ޝީއިން) މަޒްޙަބުގެ މީހުން ދަނީ، އެކަލޭގެފާނަށް ލިބުނު އަނިޔާތަށް ހަނދުމަކޮށް އެވޭން ތަޙައްމަލު ކުރުމުގެ ނަމުގައި، އަމިއްލަ ނަފްސަށް އަނިޔާދީ ގަތުލު ކުރަމުންނެވެ. ނަމަވެސް އަމިއްލަ ނަފްސަށް އެއްވެސް ގެއްލުމެއް ދިނުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަން ކީރިތި ޤުރްޢާނުންނާއި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުތަކުން ހާމަ ވެގެން ދެއެވެ.

މިއަދު އޮންލައިން