ބަރަކާތްތެރި އެއްމެ ދުވަހަކުވެސް ރޯދަ ހިފުމުގެ ނަސީބު ނުލިބުމުން، ދިރިއުޅުން ބަދަލު ކޮށްލި އުޚްތު

ކިޔުމަށް ހޭދަވާނީ 3މ 46ސ
ބަރަކާތްތެރި އެއްމެ ދުވަހަކުވެސް ރޯދަ ހިފުމުގެ ނަސީބު ނުލިބުމުން، ދިރިއުޅުން ބަދަލު ކޮށްލި އުޚްތު
މިއީ ދިވެހި އުޚްތަކަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާ އެކެވެ. އޭނާއަށް ދަސްވި ވަރަށް އަގުހުރި ފިލާވަޅެކެވެ.

ނަންހާމަ ނުކުރުމަށް އެދި އޭނާގެ ވާހަކަ "މިއަދުނޫހަށް" ޙިއްސާ ކުރީ، ދީނީ ކަންތައްތަކަށް އެންމެންވެސް ބޮޑަށް ހޭލުންތެރި ކުރުމުގެ ނިޔަތުގައެވެ.

"އަހަންނަކީ ޙަޔާތުގައި މާބޮޑެތި ފާފަތަކެއް ނުކުރިނަމަވެސް، ނަމާދު ކުރުމާއި ދީނީ އެހެން އަޅުކަން އަދާ ކުރުމަށް ފަރުވާ ކުޑަވި މީހަކީމެވެ. ބަރަކާތްތެރި ރަމަޟާންމަހު ރޯދަ ހިފީވެސް ހަމައެކަނި ނަމެއްގައެވެ. ނުކައި ހުންނަކަން އެކަންޔެވެ. ނަމާދެއް ނުކުރަމެވެ. ހަމައެކަނި ކިރިޔާވެސް ނަމާދެއް ކުރީ، ރަމަޟާން މަހުގެފަހު ދިހައެއްގައި އެކަންޔެވެ.

ޚާއްސަ ދުވަސްތަކުގައި ރޯދަ ހިފުމަކީ އަހަރެން ކުރިން ވެސް ކުރަމުން އައި ކަމެކެވެ. ދީނީ ކަންތައްތަކަށް ބޮޑަށް އަޙައްމިއްޔަތު ކަމެއް ދެވެނީ ވަކި ދުވަސްތަކެއްގައެވެ. އެއީ 'ގިނައިން ސަވާބު ލިބޭނެ' ދުވަސްތައް ކަމުގައި އަހަންނަށް އެނގިފައިވާ ދުވަސްތަކެވެ. އަހަރެންގެ ވިސްނުން އެއިރު ހުރި ގޮތަކީ، އުޅޭނެހާ ގޮތަކަށް އުޅުމަށްފަހު، ހަމައެކަނި އެފަދަ ދުވަސްތަކުގައި ރޯދަ ހިފާ ނަމާދު ކުރުމުން ދެން ކޮށްފައި ހުންނަ ހުރިހާ ފާފަތަކެއް ފުހެވޭނެކަން އަހަންނަށް ވެސް އެނގިފައިވާތީ، އަހަރެން އަބަދުވެސް ބެލީ ހަމައެކަނި އެދުވަސްތަކުގައި އެކަނި އަޅުކަން އަދާކުރުމަށެވެ.

މިސާލަކަށް ބުނާނަމަ، ރަމަޟާން މަހުގެ ފަހު 10 ގައި އަހަރެން ބަރާބަރަށް ރޯދަ ހިފަމެވެ. އަދި އެދުވަސްކޮޅު، ނަމާދު ކުރުން ވެސް އިތުރު ކުރީމެވެ. ޙައްޖު ދުވަހާއި އާޝޫރާ ދުވަހާއި ރަޖަބު މަހުގެ 12 ވަނަ ދުވަހު ވެސް ރޯދައަށް ހުރީމެވެ.

ނަމަވެސް ފަހަކަށް އައިސް އަހަންނަށް ދިމާވާން ފެށި ކަންތައްތަކަކުުން، އަހަރެންގެ ޚިޔާލު ބަދަލުވެ، ހެޔޮ މަގަށް އެޅެން ފެށިއެވެ. އުމުރުން މިހާރު 37 އަހަރު ފުރިފައިވާއިރު، ޙަޔާތުން 15 އަހަރު ހޭދަކޮށްލީ މިބުނާހެން ހަމައެކަނި 'ބައެއް ފަހަރު' އަޅުކަން އަދާކޮށްގެންނެވެ. ހަމަ ވިސްނުން ވިސްނެން ފެށީ އުމުރުން 30 އަހަރުން ފެށިގެން 33 އަހަރާއި ހަމައިގައެވެ.

މިބުނި ފަދައިން އަޅުކަން ކުރުމުގެ ކަންތައް އަހަރެން ބެހެއްޓީމެވެ. ނަމަވެސް އުމުރުން 30 އަހަރުގައި، އެއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި އަހަންނަށް ރޯދައެއް ނުހިފުނެވެ. ޙައިޟު ވެގެންނެވެ. އެފަހަރު ރަނގަޅުވީ ރަމަޟާން މަސް ނިމި ޢީދުވެސް ނިމުނު ފަހުންނެވެ. އެކަމާ އަހަރެން ދެރަވި ނަމަވެސް، އެއީ ދެން އެފަހަރު ވީގޮތޭ ހިތަށް އަރުވާލާފައި އަޅައެެއް ނުލަމެވެ.

ނަމަވެސް ހަމަ އެއަހަރުގެ ޙައްޖު ދުވަހުވެސް އަހަންނަށް ރޯދައެއް ނުހިފުނެވެ. އާޝޫރާ ދުވަހުގެ އެންމެ ދުވަހަކު ވެސް ރޯދައެއް ނުހިފުނެވެ. އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް އިއްތިފާޤެކޭ ހިތަށް އަރުވާލާފައި އަޅާނުލީއެވެ. އެވަރުން ވެސް، އެހެން އެއްވެސް ދުވަހަކު ނަމާދު ކުރަން ފަށާ، އުޅުން އިސްލާހު ކުރާކަށް ހިތަކަށް ނޭރިއެވެ.

އޭގެފަހުން ތިން އަހަރު ފާއިތުވެގެން ދިޔައީ، އަހަރެން އެފަދައިން ބެލި އެންމެ ދުވަހަކުވެސް ރޯދަ ނުހިފި އަޅުކަމެއް ވެސް ނުކުރެވިއެވެ. ޚާއްސަ ދުވަހެއްގައި ނޫނީ ނަމާދު ނުކުރަން، ރޯދައެއް ނުހިފަން، ހުރި މީހާއަށް އެކަން ވާގޮތް ނުވުމުން، ފާފަތަށް ހުންނާނީ 'ފުނި ޖެހިފަ' އޭ އަހަރެން ހިތަށް އަރާ ބިރުގަންނަން ފެށިއެވެ. އަހަންނަށް ވިސްނުނީ، އޭގެން އެއްވެސް ދުވަހަކު އަޅުކަމެއް ނުކުރެވި، އެނިޢުމަތް ލިބުމުން ކޮންމެ އަހަރަކު ވެސް އަހަރެން މަޙުރޫމްވަނީ އެކަމުގައި ސަބަބެއް އޮވެގެން ކަމަށެވެ. އެހެންކަމުން، އަހަރެންގެ އެކުވެރި ދީނީ ޢިލްމުވެރިއަކާ ސުވާލު ކޮށްލީމެވެ. އަހަންނަށް މިފަދައިން ކަންތައް އެބަވެއޭ، އެއީ އިބްރަތެއް ހާސިލް ކޮށްދިނުމަށް ވާކަންތައްތަކެއް ކަމަށް ވެދާނެތޯ އަހަރެން އެހީމެވެ. އޭނާ ބުނީ، އެހެން ވެދާނެ ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް ކަމަށާއި، އެދުވަހުން ފެށިގެން ހުރިހާ ދުވަހަކުވެސް ނަމާދު ކުރަން އަހައްމިއްޔަތުކަން ދޭން ސަމާލުވާން އޭނާ ނަސޭހަތްތެރިވިއެވެ. އަހަރެންގެ މައްސަލައިގެ ޙައްލަކީ އެއީކަން އޭނައަށް ފެންނަ ކަމަށް ވެސް ބުންޏެވެ.

އެކުވެރިޔާ ދިން ނަސޭޙަތް އަހަރެން އަޑުއެހީމެވެ. އަދި އެދުވަހަށްފަހު، އެއްވެސް ރަނގަޅު އުޒުރެއް ނެތި އެންމެ ނަމާދެއް ވެސް އަހަރެން ނާޅަމެވެ. ފުރަތަމަކޮޅު ޤަވައިދުން ހުރިހާ ނަމާދެއްވެސް ހަމަ އެނަމާދެއްގެ ވަގުތުގައި ކުރަން އަހަންނަށް އުނދަގޫވިއެވެ. ހުއްޓާލަންވީ އޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް އެކުވެރިޔާ އަހަންނަށް ނަސޭހަތް ދީ ކަށްވަޅުގައި ލިބޭނެ އަޒާބުވެސް ހަނދާން ކޮށްދިނުމުން، ހިތްވަރާއިއެކު ނަމާދު ކުރުމުގައި އަހަރެން ދެމި ހުރީމެވެ. އަދި ނަމާދު ކުރުމާއި ސުންނަތަށް އުޅުމަކީ އަހަރެންގެ އާދައެއް ކަމުގައިވެސް އިސާހިތަކުވިއެވެ. މީގެ އިތުރުން، ސުންނަތް ރޯދަ ހިފަން އެންމެ އިތުރުކަން ބޮޑުވެގެންވާ ދުވަސްތަކުގައި، ރޯދައަށް ހުރެވުމުގެ ނިއުމަތްވެސް އެކަލާނގެ އިރާދަފުޅުން އަހަންނަށް ލިބެމުން ދިޔައެވެ."
މިއަދު އޮންލައިން