އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެނދާ ހުކުރު އުފާ ޕްރޮގްރާމްގެ ތެރެއިން މިރޭ އިސްލާމީ މަރުކަޒު މައިޒާނުގައި ބޭއްވި ޕްރޮގްރާމްގައި ދަރުސް ދެއްވަމުން ޑރ. ނަދީމް ވިދާޅުވީ މައްސަލަތައް ކުރިމަތިނުވާނީ ހަމައެކަނި ސުވަރުގޭގައި ކަމަށާއި މިއީ ދުނިޔެ ކަމަށާއި ދުނިޔޭގައި ތަފާތު މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ގިނަ ފަހަރު މައްސަލަތައް ކުރިމަތިވާނީ ކުރިމަތިނުވާނެކަމަށް އެންމެ ބޮޑަށް ބަލައިގެން ހުންނަ ކަންކަމުގައި ކަމަށެވެ.
ޑރ. ނަދީމް ވިދާޅުވީ ދުނިޔެއަށް ބަލައިފިނަމަ ގިނަ ޤައުމުތަކަށް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ކަމަށެވެ. ގިނަ ބައަކަށްވެސް ވަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ކަމަށެވެ.
މިރޭގެ ދަރުސްގައި ޑރ. ނަދީމް ވަނީ އޭނާގެ އަމިއްލަފުޅު ހަޔާތްޕުޅުގައި ކުރިމަތިވި ބޮޑެތި މައްސަލަތަކާއި އަދި އެހެން މީހުންގެ ޙަޔާތުން ކުރެއްވިފައިވާ ތަފާތު ތަޖުރިބާތައް ވިދާޅުވެދެއްވައިފައެވެ.
ޑރ. ނަދީމް ވިދާޅުވީ އަޅުގަނޑުމެންނަށް ނިއުމަތެއް މާތް ﷲ މިންވަރުފުޅު ކުރެއްވެވި ނަމަވެސް އަދި މުޞީބާތެއް ކުރިމަތިކުރެއްވެވި ނަމަވެސް އެކަމެއް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން ޖެހޭނެ ކަމަށެވެ. ނިއުމަތެއް މިންވަރުކުރެއްވެވުމުން ބޮޑާވެގެން ނުވާނެ ކަމަށާއި މުޞީބާތެއް ކުރިމަތިކުރެއްވެވުމުން ޝަކުވާކޮށްގެންނުވާނެ ކަމަށެވެ. އަދި މާޔޫސްވެސް ވެގެން ނުވާނެ ކަމަށެވެ.
ޑރ. ނަދީމް ވިދާޅުވީ އިންސާނުންނަކީ އެއްވެސް ބާރެއް ލިބިގެންވާ ބައެއް ނޫން ކަމަށާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ރައްބުލްޢާލަމީން، މާތް ﷲ އަށް ކަމަށެވެ. އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ އަޅުގަނޑުމެން އުފެއްދެވީ މާތް ﷲ ކަމާއި އެނބުރިދާންޖެހޭނީ މާތް ﷲ ގެ ޙަޟްރަތަށް ކަމެވެ.
ޑރ، ނަދީމް ވިދާޅުވީ ރަނގަޅު ގޮތުގައި އުޅޭ މީހަކަށް މިދުނިޔޭގައި މުޞީބާތެއް ކުރިމަތިވެއްޖެނަމަ އާޚީރަތް ދުވަހުން އެމީހަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެމީހާއަށް ފަހުން ކުރިމަތިލާންޖެހޭނެ މުޞީބާތްތަކަކުން ސަލާމަތް ވެވޭނެ ކަމަށެވެ. ރަސޫލު ބޭކަލުންނަށް ދަތިތަކާއި ކުރިމަތިލައްވަވަން ޖެހިވަޑައިގަތީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.