ޓީމުގައި ހުރި އެންމެ މުހިއްމު ފޯވާޑު ނުލައި ކުޅުނު މެޗުން ބަލިވެ ޕީއެސްޖީއާ ޕޮއިންޓުގެ ގޮތުން އަރާ ހަމަކޮށްލަން ލިބުނު ފުރުސަތު އޭއެސް މޮނާކޯ އަށް ގެއްލިއްޖެއެވެ.
ފްރެންޗް ލީގްގައި ރޭ ކުޅުނު މެޗުގައި މޮނާކޯގެ މައްޗަށް ލިޔޯންއިން ކުރިހޯދީ 2-3 ގެ ނަތީޖާއިންނެވެ.
ޓީމުގެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ފޯވަޑް ރަމަޑޭލް ފަލްކާއޯ ނުލައި މެޗާ ކުރިމަތިލި މޮނާކޯ ރޭ ލިޔޯންއަތުން ބަލިވިއިރު، ލިޔޯންއިން މި މެޗުގައި ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ ކުޅުންތެރިއާ ނަބީލް ފެކީރާ އެވެ.
ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑިއާޒް އެވެ. އެހެން ނަމަވެސް އޭގެ ފަސް މިނެޓުފަހުން މޮނާކޯގެ ރޯނޯ ލޮޕޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މޮނާކޯއިން ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރި ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަބީލް ފެކީރާ ވަނީ ލިޔޯންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮނާކޯގެ ޓްރޯރޭވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ލިޔޯންއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފަހުހާފު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ނަބީލް ފެކީރާއެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ލިޔޯންއަށް ކާމިޔާބުކޮށްދިން 7 ވަނަ ލަނޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި މެޗާ ބެހޭގޮތުން ވާހަކަދައްކަމުން މޮނާކޯގެ ކޯޗު ޖަޑިމް ބުނީ ރޭގެ މެޗުން ބަލިވީ ނުކުޅެވިގެން ނޫންކަމަށާއި ރޭގެ މެޗުން ބަލިވީ ނަސީބުދެރަކަމުން ކަމަށެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ސްކޯ ކުރަން ރަނގަޅު ފުރުސަތުވެސް ލިބިފައިވާ ކަމަށް ޖަޑިމް ބުންޏެވެ.
" ރޭގެ މެޗުން ޓީމަށް ކާމިޔާބު ނުލިބުނީ ނުކުޅެވިގެން ނޫން. ހަމަ ނަސީބު ދެރައީ. ލަނޑު ޖަހަން ފުރުސަތުވެސް ލިބުނު އެހެން ނަމަވެސް ބޭނުންވެސް ނުކުރެވުނީ." ޖަޑިމް ބުންޏެވެ.