ލިވަޕޫލްއަށް ކުޅެމުންއަންނަ ބްރެޒިލް އެޓޭކިން މިޑްފީލްޑަރ ފިލިޕޭ ކުޓީނިއޯ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށް ބާސެލޯނާއިން ހާމަކޮށްފިއެވެ.
ބާސެލޯނާއިން އެޓީމުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ޖަނަވަރީ ޓްރާންސްފާގައި ކްޓީނިއޯ ބާސެލޯނާއަށް ގެނައުމަށް އެކުލަބުން ތައްޔާރު ވަމުންދާ ކަމަށާއި އެގޮތުން އެކަމަށް ވާންޖެހޭ އެންމެ ހާތައްޔާރީތަކެއް މިހާރުވެސް ވަމުން އަންނަކަމަށެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް، ކްޓީނިއޯ ބާސާ އަށް ގެނައުމަށް އެ ކުލަބުން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ހުށަހެޅި ހުށަހެޅުން ލިވަޕޫލުން ރިޖެކްޓް ކުރިއިރު، ބާސާއިން ދެ ވަނަ ފަހަރަށް ހުށައެޅި 100 މިލިއަން ޔޫރޯގެ ހުށައެޅުމަށްވެސް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފައެވެ.
" ކްޓީނިއޯގެ ސޮއި ހޯދުމަށް ކުރާ މަސައްކަތް ކުރިޔަށް ގެންދާނަން. އަހަރެމެން މި ތިބީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އަންނަ ޖަނަވަރީގައި ކުޓީނިއޯގެ ސޮއިހޯދޭތޯ މަސައްކަތް މި ކުރަނީ،" މިދިޔަ ސީޒަންގެ ބާސެލޯނާގެ ބަޖެޓްގެ ރިޕޯޓް މީޑިއާއާ ހިއްސާ ކުރަމުން އޮސްކާ ބުންޏެވެ.
އޭނާ ބުނީ ލިވަޕޫލުން ކުޓީނިއޯ ވިއްކަން ބޭނުން ނުވި ނަމަވެސް ކުލަބުގެ ބޯޑުން ކުޅުންތެރިޔާ ގެނައުމަށް ނިންމައިފިނަމަ އޭނާ ގެންނަން މަސައްކަތް ކުރާނެކަމަށެވެ. އަދި އެކަމުގެ ގާބިލު ކަން ވެސް އެބަހުރިކަމަށް ވެސް އޮސްކާ ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ކްޓީނިއޯ ހޯދުމަށް ބާސާއިން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެޓީމުން ވަނީ ޗައިނާގެ ޗައިނާ ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ ގުއަންޒޯ އެވަގްރާންޑޭ ކުޅެމުން ދިޔަ، ޕައުލީނިއޯގެނެސްފައެވެ. އޭނާ މިހާރު އަންނަނީ ބާސާގައި ރަނގަޅުކުޅުމެއް ދައްކަމުންނެވެ.