މާލޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހަކު އޭނާގެ މަންމަގެ ޖަނާޒާއަށް އާސަހަރާއަށް ގޮސް ރޯންހުއްޓެވެ. އޭނާގެ ވަށައިގެން ގިނަ ބައަކު ތިބެ ކެތްތެރިވުމަށާއި މަންމައަށްޓަކައި މާތް ﷲ ދުޢާކުރުން ފިޔަވައި ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނަމުން ގެންދިއައެވެ. އެވަގުތު އޭނާގެ ލޯމައްޗަށް އަނދިރިވެ އަނބުރައިގަންނަ ފަދަ ގޮތްތަކެއް މެދުވެރިއިއެވެ. ކައިރީގައި ތިބި މީހުން އޭނާ މިސްކިތަށް ވައްދައި އެއްފަރާތެއްގައި ބޭންދުމަށްފަހު ހޮސްޕިޓަލަށް ގެންދަން މަސައްކަތްފެށިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ހޭވެރިކަންވިއެވެ. އަދި ބިރުން ތުރުތުރު އަޅަމުން ތެދުވިއެވެ. މަންމަގެ ހަށިގަނޑު ކައިރިއަށް ދިއައެވެ. އަދި މަންމަގެ ކަންފަތް ކައިރިއަށް ތިރިވެލާފައި މަޑުމަޑުން ބުންޏެވެ.
"މަންމާއެވެ. އަޅުގަނޑަށް މާޢާފްކުރައްވާށެވެ! އަޅުގަނޑަށް ކުށްތަކެއް ކުރެވިއްޖެއެވެ. އަޅުގަނޑަށް ހޭލެވިއްޖެއެވެ. ނަމަވެސް ވަގުތު މިވަނީ ފާއިތުވެފައެވެ. މިދުނިޔޭގައި މަންމައަށް ކޮށްދެވޭނެ ޚިދުމަތެއް މިހާރަކު ނެތެވެ. ނަމަވެސް މަންމާއެވެ. މަންމައަށްޓަކައި އަޅުގަނޑު ދެ މިސްކިތް ބިނާކުރާނަމެވެ."
ޖަނާޒާއަށްފަހު އޭނާގެ ބައެއް ރައްޓެހިންނަށް އޭނާއަށް މެދުވެރި ކަންތައްތައް ކިޔައިދިނެވެ. "އަހަރެންނަށް ހީވަނީ އެއީ ހުވަފެނެއް ހެންނެވެ. އަހަރެން މިސްކިތަށް ވައްދައި ބޭންދިތަނާ މީހަކު ބުނާ އަޑު އިވުނެވެ. ކަލޭ މިހާރު ތިއަ ޖައްސަނީ ކޮން ވައްތަރުތަކެއް ހެއްޔެވެ؟ ކަލޭގެ މަންމަ މަރުވެ އެދިއައީ އޭނާއަށް ބޭނުން ބޭސްކޮޅު ވެސް ނުލިބި ވަރަށް ނިކަމެތި ހާލުގައިކަން ކަލެއަށް އެނގޭހެއްޔެވެ؟ ކަލޭގެ މަންމަ ދެކެލަން ކަލޭ ނުދާތާ ކިތައް އަހަރުވެއްޖެހެއްޔެވެ؟ ކަލެއަށް މާތް ﷲ ދެއްވެވި ތަނަވަސްކަމުގައި ކަލޭ ތިއަ އުޅެނީ އުދުހިފައެވެ. ކަލޭ ބޭނުން މީހަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭސްފަރުވާ ކޮށްދޭއިރު ކަލޭގެ މަންމަ އުޅެމުން ދިއަ ނިކަމެތި ހާލު ކަލޭ އެންމެ ފަހަރަކުވެސް ބަލައިލިން ހެއްޔެވެ؟ މިސްކިތްތައް ހުންނަކަން ކަލެއަށް އެނގޭ ހެއްޔެވެ؟ އެންމެ ފަހުން ސަޖިދައެއް ކުރި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟"
އޭނާ ވައުދުވި ފަދައިން މަންމައަށް ދެމިސްކިތް އަދި ބައްޕައަށް މިސްކިތެއް އަޅައިދިނެވެ. މިއަދު އޭނާއަކީ ޢާއިލާގެ އެންމެންގެ ހާލު ވަރަށް ގާތުން ބަލައި އެހީތެރިވަމުން އަންނަ މީހެކެވެ. ފަރުޟު ފަސް ނަމާދުވެސް އަދާކުރާ އަދި ދީނީ ކަންކަމަށްވެސް ހޭދަކުރާ މީހެކެވެ.
މިވާހަކަ ކިޔައިދިން މީހާ ބުނީ މިއީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ކަމެއް ކަމަށެވެ. މަންބަފައިންނަށް އަޅާލައި އެހީތެރި ނުވާ ކޮންމެ މީހަކަށް މިފަދަ އަޑުތައް ނުއިވިދާނެއެވެ. ނަމަވެސް މިފަދަ ކޮންމެ ކަމަކީ އެންމެންނަށް އޮތް ޢިބްރަތެކެވެ.