އަންނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ވޯލްޑްކަޕަށް، އެމެރިކާ ކޮލިފައި ނުވެ ކެޓުމާއި ގުޅިގެން އެޓީމުގެ ކޯޗް ކަމުން އެ ގައުމުގެ ބުރޫސް އަރީނާ އިސްތިއުފާ ދީފި އެވެ.
2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވެސް އެމެރިކާ އަށް އިރުޝާދު ދީފައިވާ އެރީނާ އެމެރިކާގެ ކޯޗް ކަމާ، ދެ ވަނަ ފަހަރު، ހަވާލުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު، އެމެރިކާގެ ކޯޗްގެ ގޮތުގައި ހުރި ޖަރުމަންގެ ޔާގަން ކްލިންސްމަން އިސްތިއުފާ ދިނުމުން ނެވެ.
އެމެރިކާގެ ގައުމީޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު އެރީނާ ބުނީ ކޮންމެ ކޯޗަކަށް ވެސް ލިބޭނެ އެންމެ ބޮޑު ޝަރަފަކީ އަމިއްލަ ގައުމުގެ ގައުމީ ޓީމަށް ކޯޗް ކޮށް ދިނުންކަމަށާއި އެގޮތުން އޭނާއަށް އެޝަރަފް ދެފަހަރެއްގެ މަތިން ލިބިފައިވާ ކަމަށެވެ.
އެރީނާގެ އިތުރުން އެމެރިކާ، ވޯލްޑްކަޕަށް ކޮލިފައި ނުވުމުން، ފާޑު ކިޔުން އަމާޒުވެފައިވާ އަނެއްފަރާތަކީ އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސް ސްނިލް ގްލަޓީ އެވެ. އޭނާ ވެސް ވިދާޅުވީ އެމެރިކާ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އެކަމުގެ ޒިންމާ އޭނާ ވެސް ނަގާ ކަމަށެވެ. އެހެން ނަމަވެސް އޭނާ އިސްތިއުފާ ދެއްވާނެ ވާހަކަ އެއް ވިދާޅެއް ނުވެ އެވެ.
އެމެރިކާ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ނުވުމުން، މިއީ 1986 ގެ ފަހުން އެ ޓީމަށް ވޯލްޑްކަޕްގެ ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. ކޮލިފައިންގައި އެމެރިކާއަށް ނާކާމިޔާބުވީ އެންމެ ފަހު މެޗުގައި ޓްރިނިޑާޑް ޓޮބޭގޯ އަތުން، 2-1 ބަލި ވުމުން ނެވެ.