ސްޕެނިޝް ލީގުގައި ރޭ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެތްލެޓިކޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ގްރިޒްމަން ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.
އެތްލެޓިކޯއިން ލަނޑު ޖަހާ މެޗުގެ ލީޑުނަގާފައިވަނީ 21 ވަނަ މިނެޓުގައި ސައުލް ކާމިޔާބުކޮށްދިން ހިއްގައިމު ލަނޑުންނެވެ. ސައުލްމިލަނޑުކާމިޔާބުކުރީބާސާގެޕެނަލްޓީއޭރިއާގެބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ގޯލަށްފަހު އެތްލެޓިކޯ އިން ޑިފެންސިވްކޮށް ކުޅުނުއިރު ފުރަތަމަ ހާފްގައި ބާސާއަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ އެތްލެޓިކޯއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ބާސާއިން ފަހުހާފަށް ނިތީ ފުރަތަމަ ހާފާ ޚިލާފަށް އިތުރަށް ކުޅުން ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ދިޔައީ ކައިރިކައިރީގައި އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެސީ ފޮނުވާލި ހިލޭޖެހުމެއް އެތްލެޓިކޯ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ.
މި މެޗުން ބާސާ ބަލިނުވެ ސަލާމަތްވީ މެޗުގެ 82 ވަނަ މިނެޓްގައި ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސުއަރޭޒް މި ގޯލު ކާމިޔާބުކުރީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ލީގުގައި ސުއަރޭޒް ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 22 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނައިގައި 17 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 16 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ލީގުގައި ބާސާ ދެން ބައްދަލުކުރާނީ މަލާގާއާއެވެ. އެތްލެޓިކޯ ބައްދަލުކުރާނީ ސެލްޓަ ވީގޯއާއެވެ.