އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވޮޓްފޯޑްއާ ދެކޮޅަށް ކުޅުނުމެޗުން ވަރުގަދަ އާސެނަލް ބަލިވެއްޖެއެވެ.
ރޭ ވެޑްފޯޑުއަތުން އާސެނަލް ބަލިވީ 1-2 ގެ ނަތީޖާއިންނެވެ.
ވޮޓްފޯޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ވެޓްފޯޑްގެ ފަރާތުން ރަނގަޅުޔ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އާސެނަލް އިންނެވެ. މި ގޯލު މެޗުގެ 39 ވަނަ މިނެޓްގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ޕާ މާޓަސޭކާއެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާސެނަލްއަށް ވަނީ ލިބި ބޭކާރުވެފައެވެ.
އެއް ލަނޑުގެ ތަފާތުން އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ވެސް އާސެނަލްއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައިވެއެވެ. އެހެން ނަމަވެސް މެސުޓް އޮޒިލްއަށް ލިބުނު މި ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.
ނަތީޖާއަކަށްވީ މެޗުގެ 71 ވަނަ މިނެޓްގައި ވޮޓްފޯޑް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރުމެވެ. ވޮޓްފޯޑް އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ޑީނީއެވެ. އަދި މި މެޗުން ވޮޓްފޯޑްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޓޮމް ކްލެވަލީއެވެ.
މިއީ ވޮޓްފޯޑްގެ އަމިއްލަ ދަނޑުގައި ކުޅެ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި އެޓީމުން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ.
ރޭގެ މި ނަތީޖާއާއެކު އާސެނަލް މިހާރު އޮތީ 13 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ. ވޮޓްފޯޑް އޮތީ 15 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 22 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.
ލީގުގައި ވޮޓްފޯޑް ދެން ބައްދަލުކުރާނީ ޗެލްސީއާއެވެ. އާސެނަލް ނިކުންނާނީ އެވަޓަންއާއެވެ.