ކީރިތި ޤުރްއާންގައި މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގާ ވެއެވެ. "ހަމަކަށަވަރުން ނުފެންނަނީ އެއިންސާނާގެ ލޮލަކަށް ނޫނެވެ. އޭނާގެ ހިތަށެވެ." (ޤުރްއާން 22:46)
ލޮލަށް ފެނުމުގެ ނަސީބު ލިބިފައިވާ ކިތަންމެ ބައެއްގެ ހިތައް ނުފެނެއެވެ. މާނައަކީ، ތެދުމަގު އެނގިހުރެ، ހެވާ ނުބައި ރަނގަޅަށް ފެންނަން ހުރެވެސް، ނުބައި މަގު އިޚްތިޔާރު ކުރާ މީހުން އަހަރުމެންގެ ތެރޭގައި ވެސް ވަރަށް ގިނައެވެ.
މިއީ ލޯފަން މީހެއްގެ ވާހަކައެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އޭނާގެ ހިތައް ފެނި، ތެދުމަގު އިޚްތިޔާރުކުރި މީހެއްގެ ވާހަކައެވެ.
ޑޭވިޑް ބައިންގް ނަމަކަށް ކިޔާ މިމީހާ "ދަ ޑީން ޝޯވ" ގައި 2015 ވަނަ އަހަރު ބައިވެރިވެ، އިސްލާމްދީން އޭނާއަށް ޤަބޫލުކުރެވެން ފެށި ގޮތްވަނީ ކިޔާދީފައެވެ. އަދި މުސްލިމަކަށްވާން ފުރިހަމައަށް ތައްޔާރު ކަމަށް ވެސް އޭނާ ބުންޏެވެ.
ޑޭވިޑް ބުނި ގޮތުގައި، އޭނާގެ ލޮލުގެ ފެނުން ގެއްލުނީ އޭނާ އުފަންވީތާ ކުޑައިރުކޮޅެއް ފަހުންނެވެ. ލޮލުގެ ފެނުން ނެތްކަމުގައި ވިޔަސް ޑޭވިޑްއަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ މީހެއް ކަމަށް އޭނާ ބުންޏެވެ.
އިސްލާމްދީނަށް ޑޭވިޑް ޝައުޤުވެރިކަން އުފެދުނީ މީގެ 17 ވަރަކަށް އަހަރު ކުރިންނެވެ. އޭގެ ކުރިިން އެމެރިކާގެ އެކިއެކި މީޑިއާތަކާއި އެހެނިހެން ގޮތްގޮތުން، ޑޭވިޑަށް އިސްލާމްދީނާއި ބެހޭގޮތުން އިވިފައިވަނީ ވަރަށް ވެސް ހަޑިހުތުރު ދޮގު ވާހަކަތަކެކެވެ. އެވާހަކަތައް އަޑުއަހަން އިނދެފައި އެއްދުވަހު އޭނާ ބުނީ، އިސްލާމްދީނާއި ބެހޭ ގޮތުން އޭނާ އަމިއްލައަށް މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ. އަދި އޭނާއަށް އިވޭ ހުރިހާ ވާހަކައެއް، އެއީ ތެދުކަމަށް ޤަބޫލު ކުރަން ދަތި ކަމަށް ވެސް ޑޭވިޑް ބުންޏެވެ.
ނަމަވެސް ޑޭވިޑް އަށް އިސްލާމްދީނާއި ބެހޭ ގޮތުން ފުރިހަމަ މައުލޫމާތު ހޯދުނީ އޭގެ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އޭނާ ބުނި ގޮތުގައި، ޑޭވިޑްއާއި ދެބެންގެ ދެދަރި ކޮއްކޮ އެއްގެ ފިރިމީހާގެ ފަރާތުން ޑޭވިޑްއަށް އިސްލާމްދީނާއި ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އެނގެން ފެށިއެވެ. އެމީހާއަކީ އިރާޤު މީހެކެވެ. ދީނީ އަޅުކަން ފުރިހަމައަށް އަދާ ނުކުރި ކަމުގައި ވިޔަސް، މުސްލިމުންނާއި މެދު އެމެރިކާގެ ބައެއް މީހުން ފަތުރާފައިވާ ދޮގު ވާހަކަތަކާއި، އިސްލާމްދީނުގައި ކަންކަން އޮންނަ އަސްލު ހަމަތައް އޭނާ ޑޭވިޑް އަށް ކިޔާ ދިނެވެ.
ޑޭވިޑް އަށް އަޑުއިވިފައިވާ ގޮތުގައި، މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. އަދިމުސްލިމުންގެ މެދުގައި އެއްވެސް ސުލްޙަ މަސަލަސްކަމެއް ވެސް ނޯވެއެވެ. ނަމަވެސް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮގެ ފިރިމީހާ އޭނާއަށް ކިޔާ ދިން ގޮތުގައި އިސްލާމްދީނަކީ ވަރަށް ވެސް ސުލްޙަވެރި ދީނެކެވެ. އިސްލާމްދީނުގެ މާނައަކީ ސުލްޙަވެރިކަމާއި އެކީ ހެއްދެވި ފަރާތަށް ކުއްތަންވުން ކަމުގައިވެސް ޑޭވިޑްއަށް ކިޔާދިނެވެ.
އިސްލާމްދީނަކީ ބިރުވެރި ދީނެއްކަމަށް ޑޭވިޑްއަށް ކުރިން ބަޔަކު ސިފަކޮށްދީފައިވީ ނަމަވެސް، އެހެން މީހުންނާއި ޚިލާފަށް އޭނާ ދިޔައީ އިސްލާމް ދީނާއި ގާތް ވަމުންނެވެ. ޑޭވިޑް ބުނިގޮތުގައި، އޭނާގެ ކޮއްކޮގެ ފިރިމީހާގެ ފަރާތުން އިސްލާމް ދީނާއި ބެހޭ ގޮތުން އިވެމުންދިޔަ ރީތި ވާހަކަތަކުގެ ސަބަބުން، އޭނާއަށް ބޮޑަށް އިސްލާމް ދީނާއި ގާތް ވެވެން ފެށުނެވެ. ޑޭވިޑް ބުނި ގޮތުގައި، އެމީހުން ދެއްކި ވާހަކަތައް އޭނާއަށް އެހާ ފަސޭހައިން ޤަބޫލު ނުކުރެވުނު އެއް ސަބަބަކީ، އެމީހުންގެ ދީނުގައި (ކްރިސްޓިއަން ދީނުގައި) އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ އައިސްފައިވާތީއެވެ. އެހެންކަމުން އޭގައި އެހިމެނެނީ ތެދު ވާހަކަ ނޫންކަމާއިމެދު ޝައްކުވިކަމަށް ވެސް ޑޭވިޑް ބުންޏެވެ.
"ބައިބްލް އަށް ބެލިކަމުގައި ވިޔަސް، އެކި ސަރަޙައްދުގައި ގެންގުޅެނީ އެކި ބައިބްލް. ކޮންމެ އެއްޗެއްވެސް އެކަތި އަނެކައްޗާ ތަފާތު. އެކަމަކު ކީރިތި ޤުރްޢާނުގެ ހުރިހާ ޗާޕެއްގައި ވެސް ވަނީ ހަމަ އެއްބަސްތަކެއް. އެއްފޮތެއް އެއީ. އެކަމާއި ވެސް އަހަރެން ހައިރާންވެ، އިސްލާމްދީނަށް ބޮޑަށް ލެނބެން ފެށި" ޑޭވިޑް ބުންޏެވެ.
ތެދުމަގާއި ދޭތެރޭ ވިސްނެން ފެށުމުން، (ކްރިސްޓިއަނުން ޤަބޫލު ކުރާ ގޮތުގެ މަތިން) ޢީސާ އަލައިޙިއްސަލާމް އަކީ މާތް ﷲ ގެ ދަރިކަލެއް ނޫންކަން ޤަބޫލުކުރަން އުނދަގޫވިތޯ ޑޭވިޑްގާތު ސުވާލު ކުރުމުން އޭނާ ބުނީ، އޭނާގެ ހިތުގައި ކުރިންވެސް އެކަމާއިމެދު ސުވާލު އުފެދުނު ކަމަށާއި އެކަންވީ އޭނާއަށް ކުރިންވެސް ޤަބޫލު ކުރަން އުނދަގޫ ކަމެއް ކަމުގައެވެ. އަދި ޢީސާ އަލައިޙިއްސަލާމް އަކީ ޙަޤީޤަތުގައި އެކަލާނގެ ރަސޫލެއްކަން އޭނާއަށް އިވުމުން، އެކަން އޭނާގެ ސިކުނޑިއަށް ވަރަށް ފަސޭޙައިން ޤަބޫލު ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ކޮއްކޮގެ ފިރިމީހާގެ ފަރާތުން އިސްލާމްދީނާއި ބެހޭގޮތުން ހޯދުނު މައުލޫމާތުތަކުގެ ސަބަބުން، އިތުރަށް އިސްލާމްދީނާއި ބެހޭ ގޮތުން އޮޅުން ފިލުވަން ޑޭވިޑް ބޭނުންވިއެވެ. އެގޮތުން ޗިކާގޯ ގެ ބައެއް މުސްލިމް ޑްރައިވަރުން، ބަންގީގެ އަޑު އިވުމާއިއެކު މިސްކިތައް ދާން އަވަސްވެ ގަންނަކަން ޑޭވިޑްއަށް ވަނީ އެނގިފައެވެ.އެމީހުންނަކީ ދީނީ ކަންކަމުގައި އޭނާގެ ކޮއްކޮގެ ފިރިމީހާއަށްވުރެ ބޮޑަށް ހޭލުންތެރި ބައެއްކަން ޑޭވިޑްއަށް އެނގުނެވެ. އެހެންކަމުން، ވަރަށް މަސައްކަތުން އެއްދުވަހު، އޭގެން ޓެކްސީ ޑްރައިވަރަކާއި އޭނާ ބައްދަލު ކުރިއެވެ. އަދި އެމީހުންގެ ފަރާތުން އިސްލާމްދީނުގެ ރުކުންތަކާއި ރަސޫލާ صلىاللهعليهوسلمގެ ސުންނަތްތަކާއި ބެހޭގޮތުން އޭނާއަށް މައުލޫމާތު ލިބުނެވެ. އިސްލާމީ ތާރީޚުގެ ރިވެތި އެތަކެއް ވާހަކަތަކެއް އިވި، އެވާހަކަތައް ސީދާ އޭނާގެ ހިތުގެ އެންމެ ފުން މިނަށް ވަނެވެ.
ޑޭވިޑް ބައިންގް އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވީ، މިހުރިހާ ކަމެއް އޭނާގެ ހިތައް ފެނި، ސިކުނޑިއަށް ފުރިހަމައަށް ޤަބޫލު ކުރެވުމުނެވެ. އޭނާ އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވީ "ދަ ދީން ޝޯވ" ގައެވެ.