މިއީ އެތީސްޓަކަށް އިސްލާމްދީން ޤަބޫލު ކުރެވުނު ގޮތުގެ ވާހަކައެވެ.
އެއީ ޔުނިވަރސިޓީގައި އޭނާ ކިޔަވަން ފެށި ފުރަތަމަ އަހަރެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާއަށް ވަރަށް ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހުނު އަހަރެކެވެ. އޭނާގެ މައިންބަފައިން ވަކިވީ އެއަހަރުއެވެ. ހަފްތާއެއް ތެރޭގައި ދެ އެކްސިޑެންޓު ވެސް އޭނާ ވިއެވެ. އޭގެ އިތުރުން، އޭނާގެ ވަރަށް ގާތް އެކުވެރިއެއް ވެސް އެއަހަރު މިދުނިޔެއިން ވަކިވެގެން ދިޔައެވެ.
އެހުރިހާ ކަމެއް ދިމާވުމުން، އޭނާ ސުވާލު ކުރަން ނުވަތަ ޝަކުވާ ކުރަން ފެށިއެވެ.
"އަހަރެން މިދުނިޔެއަށް އައީ ކީއްވެ؟ ދިރިއުޅުމުގެ މާނައަކީ ކޮބާ؟"
ދިރިއުޅުމުގެ މަޤްސަދާއިމެދު ހިތުގައި ސުވާލު އުފެދުމުން، ކަންތައްތަކެއް ހޯދަން މަސައްކަތް ކުރަން އޭނާ ފެށިއެވެ. އަދި ދީނަށް އުޅެން ވެސް އޭނާ ހިތައް އެރިއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކުރި މަސައްކަތަކީ ކްރިސްޓިއަން ދީނާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު އޮޅުން ފިލުވުމެވެ. ކްރިސްޓިއަނެއްގެ ގޮތުގައި އުފަންވީ ނަމަވެސް، ފަހުން އެއްވެސް ދީނެއް އޭނާ ޤަބޫލެއް ނުކުރެއެވ ކްރިސްޓިއަން ދީނާ ބެހޭ ގޮތުން ވެސް އެއްވެސް މައުލޫމާތެއް އޭނާއަކަށް ލިބިފައެއް ނުވެއެވެ.
އެހެންކަމުން އޭނާގެ ބައެއް އެކުވެރިންނާއިއެކު ޗަރޗް ކޭމްޕަކަށް އޭނާ ދިޔައެވެ. އޭނާ ސިފަ ކުރި ގޮތުގައި އެއީ އޭނާގެ މުޅި އުމުރުގައި ވެސް ދެވުނު އެންމެ މަޖާ ކޭމްޕެވެ. އެންމެންވެސް ކޮންމެވެސް ލަވައެއް ކިއެވެ. އޭނާއަކަށް އެމީހުން ކީއެއްވެސް އެއްޗެއް ނޭނގުނެވެ. އެމީހުންގެ ރީތިއަޑުތަކެއް ހުރި ކަމުގައި ވިޔަސް، އެމީހުން ކުރަމުން ދިޔަ ކަންތައް ވަރަށް ތާކުންތާކު ނުޖެހޭކަން އޭނާއަށް އިޙުސާސް ކުރެވުނެވެ.
ކްރިސްޓިއަން ދީނާ ބެހޭ ގޮތުން މައުލޫމާތު ހޯދުން އޭނާ އެހިސާބުން ހުއްޓައެއް ނުލައެވެ. އެގޮތުން ކްރިސްޓިއަން ދީނުގެ އެކި ބާވަތްތަކުގެ މައުލޫމާތު ވެސް އޭނާއަށް ލިބުނެވެ. ޗަރޗްތަކަށް ގޮސް ފާދިރީންނާއި ސުވާލު ކުރުމުން، ބައިބްލް ނަގާފައި ރަނގަޅު ޖަވާބަކީ މިއީ އޭ ބުނުމުގެ ބަދަލުގައި، އެމީހުންގެ އަމިއްލަ ޙިޔާލުގެ މައްޗަށް ބިނާކޮށް ޖަވާބުދޭކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ކްރިސްޓިއަން ދީނާ ބެހޭ ގޮތުން އެކި މީހުން ދައްކަނީ އެކި ވާހަކަތައްކަން އޭނާއަށް ވިސްނެން ފެށިއެވެ. ކްރިސްޓިއަން ދީނަކީ ޙައްޤު ދީން ނޫންކަން އޭނާއަށް ވިސްނެން ފެށިއެވެ. އެހިސާބުން އޭނާ ބޭނުންވީ ޙައްޤުވެގެންވާ ދީނަކީ ކޮބާކަން އިތުރަށް ހޯދާށެވެ.
ޔުނިވަރސިޓީގައި އުޅުން އިރު، ސަރވިސް ސެންޓަރެއްގައި ޕާޓްޓައިމް އަށް އޭނާ މަސައްކަތް ކުރިއެވެ. އެތަނުގައި އޭނާއާއި އެކު އުޅުނު، އިންޑިއާ ގެ ހިންދޫ އަކާއި ދިމާލަށް އޭނާ ބުންޏެވެ. "އެތެއްގެ ބޯ އިންނަ މީހާގެ ވާހަކައަކީ ކޮބާ ހެއްޔެވެ؟" އޭނާގެ އެކުވެރިޔާ ބުނީ އެއީ "ގަނޭޝާ" ކަމަށެވެ. އެކުވެރިޔާ ގާތު އޭނާ ބުންޏެވެ. "އެކަމަކު ސިންގާއެއް ކަހަލަ އެހެން ކޮންމެވެސް ޖަނަވާރެއްގެ ބޯ ތިމީހުންނަށް ބޭނުން ކުރެވުނީހެއް ނޫންހެއްޔެވެ؟" އޭގެ ޖަވާބުގައި އޭނާގެ އެކުވެރިޔާ ބުނީ އެއީ އެމީހުންގެ "ކަލާނގެ ތަކުގެ ތެރެއިން ކަލާނގެއެއް" ކަމަށެވެ. އޭނާއަށް އެވާހަކަވީ މަޖާ ވާހަކައަކަށެވެ. އެހެންކަމުން ހިންދޫ ދީނަކީ ވެސް ޙައްޤު ވެގެންވާ ދީން ނޫންކަން އޭނާއަށް ވިސްނުނެވެ.
ދެން އޭނާ ހޯދަން ފެށީ ޔަހޫދީންނާއި ބެހޭ ގޮތުން މައުލޫމާތެވެ. އޭނާގެ ނަމަކަށް އެއިރު ރުބެން ކިޔާތީ، އެއީ އެމީހުންގެ މީހެއް ކަމަށް ވެސް އެމީހުންނަށް ހީވިއެވެ. ޔަހޫދީން ކަންކަމުގައި މާބޮޑަށް ދޫވެފައި، މަނާވެފައިވާ ކަންތައް މަދުކަމުން، އެއީ ވެސް ޙައްޤު ދީން ނޫންކަން އޭނާއަށް ވިސްނުނެވެ.
އޭގެ ފަހުން އޭނާ ހޯދަން ފެށީ ބުދިޒަމްގެ މައުލޫމާތެވެ. ޙައްޤު ވެގެންވާ ދީނަކީ އެއީތޯ ބެލުމަށެވެ. އެންމެ ފުރަތަމަ އޭނާ ހީކުރީ، އެއީ ވަރަށް ފަސޭހަ އަދި ދުނިޔޭގެ ހަމަތަކާއި އެއްގޮތަށް އުޅޭ ދީނެއް ކަމަށެވެ. އަދި ބުދިސްޓަކަށް ވާން އޭނާ ހިތައް ވެސް އެރިއެވެ. ނަމަވެސް އޭނާ އިތުރަށް ހޯދި ހޯދުމުން އެނގުނީ، އެއީ ޙައްޤު ވެގެންވާ ދީން ނޫން ކަމާއި، އެމީހުން ހަމައެކަނި ދުނިޔޭގައި ރީތި ގޮތް ގޮތަށް އުޅެނީ ކަމެވެ.
އެއްވެސް ދީނެއް ރަނގަޅު ކަމަށް ނުފެނުމުން އޭނާގެ ތަހުގީގު ހުއްޓާލިއެވެ. މާޔޫސްވެފައި އިންދާ، ދީންތައް ހޯދުމުގެ މަސައްކަތް ކިހާ ހިސާބަކަށް ގޮސްފިތޯ އޭނާގެ ގާތް ރައްޓެއްސަކު ސުވާލު ކުރިއެވެ. އޭނާ ބުނީ "ހުރިހާ ދީނެއް ތަހުގީގު ކުރެވިއްޖެ" ކަމަށާއި "ހިތްހަމަ ޖެހޭ އެންމެ ދީނެއްވެސް ނުފެނުނު" ކަމަށެވެ. އޭނާ ތަހުގީގު ކުރީ ކޮން ދީން ތަކެއްތޯ ސުވާލު ކުރުމުން " ކްރިސްޓިއަން، ހިންދޫ، ޔަހޫދީ އަދި ބުދިޒަމް" އޭ އޭނާ ބުންޏެވެ.
"އިސްލާމްދީން ތަހުގީގެއް ނުކުރަންތަ؟" އޭނާގެ އެކުވެރިޔާ އެއްސެވެ.
"އިސްލާމް؟ އެއީ ޓެރަރިސްޓުން އުޅޭ ދީނެއްނު. އަހަރެން ކީއްކުރަން އެދީން ތަހުގީގު ކުރަންވީ؟ އެއީ މޮޔައިން އުޅޭ ދީނެއް" އޭނާ ބުންޏެވެ.
ނަމަވެސް އެއްދުވަހަކު، ބޭއިޚްތިޔާރުގައި އޭނާއަށް މިސްކިތަކާއި ދިމާލަށް ހިނގާފައި ދެވުނެވެ. މިސްކިތުގެ އެންމެ އެތެރެއަށް ވަދެގެން ދިޔައިރު، މީހަކު ނަމާދު ކުރަން ހުއްޓާ އޭނާއަށް ފެނުނެވެ. އެތަނުން އޭނާއަށް އަބޫ ހަމްޒާ އޭ ކިޔުނު މީހަކާއި ދިމާވިއެވެ. އަބޫ ހަމްޒާ އޭނާއާއި ދިމާލަށް އައުމުން، އެއަންނަނީ އޭނާ ގަތުލު ކުރަން ކަމަށް ހީވެ އޭނާ ބިރުގަތެވެ. ނަމަވެސް އަބޫ ހަމްޒާ އޭނާ ކައިރިއަށް އައިސް ސަލާމް ގޮވުމަށްފަހު ހާލު އަހުވާލު އެއްސެވެ.
އަބޫހަމްޒާގެ އޯގާތެރިކަމުގެ ސަބަބުން އޭނާ ހައިރާންވިއެވެ. މިސްކިތައް ވަނުމުން އަބޫހަމްޒާ އޭނާއަށް މަރުހަބާކިޔާ، އޭނާއަށް ސަޔާއި ބިސްކޯދުދިނެވެ. އޭގެފަހުން އެ މިސްކިތައް އޭނާ ގިނަގިނައިން ޒިޔާރަތްކުރަންފެށިއެވެ. އަދި އިސްލާމްދީނާއިބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވަން ހިތް ޖެހުނެވެ. ކުރިން ފާދިރީންނާއި ކުރި ސުވާލުތައް އޭނާ މިސްކިތުގެ އިމާމުންނާއި ވެސް ކުރިއެވެ. އޭނާ ކުރި ސުވާލުތަކަށް އިމާމުން ހަމަ ހުރެފައި ޖަވާބެއް ނުދެއެވެ. ކީރިތި ޤުރުޢާނުން އޭނާގެ ސުވާލުތަކުގެ ޖަވާބު ހޯދާފައި އޭނާއަށް ދެއްކިއެވެ.
"ކީއްވެ އަހަރެންގެ ސުވާލުތަކަށް އަމިއްލަ ވިސްނުމުގެ މައްޗަށް ޖަވާބު ނުދެނީ؟" އޭނާ ސުވާލު ކުރިއެވެ.
"އަހަރުމެން އެންމެން ހެއްދެވި ފަރާތުގެ ބަސްފުޅު ކީރިތި ޤުރްޢާނުގައި ވާއިރު، އެކަމާއި އަހަރުމެންގެ ހިތްތަކުގައި އެއްވެސް ޝައްކެއް ނުވޭ. މާތް ﷲ އީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ" އިމާމުން ޖަވާބުދިނެވެ. އިސްލާމް ދީނަކީ ސުލްޙަވެރި، ރިވެތި އުސޫލުތަކެއް ހިމެނޭ ދީނެއްކަން ދަލީލާއިއެކު އިމާމުން ކިޔާދިނެވެ. އިސްލާމް ދީނަށް އޭނާ ހިތްޖެހެން ފެށިއެވެ.
އޭނާއަށް ލިބުނު އައު މައުލޫމާތުތަކާއިއެކު އޭނާ އެއްދުވަހު ވާދީއެއްގެ ކޮޅަށް ގޮސް އިށީންދެ ކީރިތި ޤުރްޢާން ކިޔަވަން ފެށިއެވެ. އެތަނުގައި ހުރީ އޭނާ އެކަންޏެވެ. ކުއްލިއަކަށް ކިޔެވުން ހުއްޓާލާފައި އޭނާ ބުންޏެވެ.
"ޔާ ﷲ އެވެ. އިސްލާމްދީން ޤަބޫލު ކުރަން އަހަރެންގެ ހިތައް އަރަމުން އެބަދެއެވެ. އިސްލާމްދީނަކީ ޙައްޤުވެގެންވާ ދީންކަން އަހަންނަށް އެނގޭނެ ހެއްކެތް ދައްކަވާދޭށެވެ"
މިހެން ބުނެފައި އޭނާ ހީކުރީ ފިލްމުތަކުން ފެންނަފަދަ ޖާދުލެއް ފެންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ނުވިއެވެ. އެކަމާއި އޭނާ ވަރަށް މާޔޫސްވިއެވެ. ކުޑަ ނަމަވެސް ހެއްކެތް ދެއްކެވުމަށް އަނެއްކާވެސް އެދި އޭނާ ދުއާ ކުރިއެވެ. ނަމަވެސް އެފަހަރު ވެސް އެއްވެސް ކަމެއް ނުވިއެވެ. ކުރިއަށްވުރެ ބޮޑަށް އޭނާ މާޔޫސްވިއެވެ. އަދި އިސްލާމްވާން ފޫހިވެސް ވިއެވެ.
ނަމަވެސް ބޭއިޚްތިޔާރުގައި، އޭނާއަށް އަނެއްކާވެސް ކީރިތި ޤުރްޢާން ކިޔަވަން ފެށުނެވެ. އެފަހަރު ކިޔެވުނު އާޔަތަކުން، ކުއްލި ހައިރާންކަމެއް އޭނާއަށް ލިބުނެވެ. އެއާޔަތުގެ މާނާގައިވެއެވެ.
''ހެކިތަކަށް އެދި ގޮވާލާ މީސްތަކުންނޭވެ. އަދިވެސް އެދެވިގެންވާވަރަށް ހެކިތައް ނުފެނޭ ހެއްޔެވެ. ވަށައިގެންވާ ތަރިތަކާއި، އިރާއި، ކަނޑަށް ބަލާށެވެ. ބުއްދި ލިބިގެންވާ ފަރާތްތަކަށް މިއީ ހުރި ހެކިތަކެކެވެ"
އެއާޔަތް ކިޔާފައި އޭނާ ބިރުގަނެ ލަދުގަތެވެ. އޭނާ އެދެމުންދިޔަ ހެކިތައް ކުރިމަތިން ފެންނަން ހުރިއިރު، އިތުރު ހެއްކެއް ނުވަތަ އިޝާރާތަކަށް އެދި އޭނާއަށް ގޮވާލެވުމުންނެވެ. ކީރިތި ޤުރްއާނުގައި އޭނާ ބޭނުންވި ހުރިހާ ހެއްކާއި ދަލީލުތަކެއް ބަޔާންވެގެންވެއެވެ. މިދުނިޔޭގެ ވާހަކަތަކާއި، ދެން އޮތް ދުނިޔޭގެ ވާހަކަތަކެވެ. މާޒީގައި ހިނގާފައިވާ އެކިއެކި ކަންތައްތަކާއި، މިހާރު ވަމުން އަންނަ ކަންތަކާއި އަދި ފަހުން ވާނޭ ގޮތުގެ ވާހަކަތައް ވެސް ކީރިތި ޤުރްޢާނުގައި ވެއެވެ.
އޭގެ އަނެއްރޭ (އެއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހު) އިޝާ ވަގުތަށް ފަހު އޭނާ މިސްކިތައް ދިޔައެވެ. އިސްލާމް ދީން ޤަބޫލުކޮށް މުސްލިމަކަށް ވުމަށެވެ. ޝަހާދަތުގެ ދެކަލިމަ އޭނާއަށް ނުކިޔޭނެ ކަމަށް ހީކޮށް އޭނާ ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް، ޝަހާދަތް ކިޔަން ނިޔަތް ގަނެ ތެދުވުމާއިއެކު، އޭނާގެ ހުރިހާ ބިރެއް ހިތުން ފިލައި ވަރަށް ފަސޭހައިން އޭނާއަށް ޝަހާދަތް ކިޔުނެވެ. އޭނާ ބުނިގޮތުގައި އެވަގުތު އޭނާއަށް ހީވީ އޭނާއާއި ދިމާލަށް އަލިގަދަ ނޫރެއް އެޅި، އޭނާގެ މުޅި ނަފްސު ޠާހިރު ވެގެން ދިޔަހެންނެވެ.
އެއީ އޭނާގެ ދިރިއުޅުމުގައި އޭނާ އެންމެ އުފާވި ދުވަހެވެ. އޭނާގެ ނަންވެސް އަބޫ ބަކުރު އަށް ބަދަލު ކުރިއެވެ. އިސްލާމްދީނަށް ވަތް ފަހުން، އޭނާވީ ވަރަށް ރަނގަޅު މީހަކަށެވެ.