ރޯމާ އަދި ޗެލްސީގެ މެޗު އެއްވަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 52ސ
ރޯމާ އަދި ޗެލްސީގެ މެޗު އެއްވަރުވެއްޖެ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ރޯމާ އާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޗެލްސީންނެވެ. މި ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ލުއިޒްއެވެ. ލުއިޒް މި ގޯލު ކާމިޔާބުކުރީ ރޯމާގެޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ރޯމާ އިން ރަނގަޅަށް ކުޅުނުއިރު ނަތީޖާ އެއްވަރުކޮށްލަން ވެސް އެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ރޯމާއަށް ނުހިފުނުއިރު މެޗުގެ 37 ވަނަ މިނެޓްގައި އެޑެން ހަޒާޑް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފް ޗެލްސީން ނިންމާލުމާ ގާތަށް ގޮސްފައިވަނިކޮށް މެޗުގެ 40 ވަނަ މިނެޓްގައި ކޮލަރޯވް ވަނީ ރޯމާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ރޯމާ އިން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މި ހާފުގައި ޗެލްސީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނުނުއިރު މެޗުގެ 64 ވަނަ މިނެޓްގައި އެޑިން ޒެކޯ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ރޯމާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 70 ވަނަ މިނެޓްގައި ޒެކޯ ވަނީ ރޯމާއަށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓުފަހުން މެޗުގެ 75 ވަނަ މިނެޓްގައި ހަޒާޑް ވަނީ ޗެލްސީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ހަތް ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. މި ގްރޫޕްގެ ދެވަނައިގައި ފަސް ޕޮއިންޓާއެކު ރޯމާ އޮތްއިރު ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑް އޮތްއިރު ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ގަރަބާގްއެވެ.

މި ގްރޫޕްގައި ރޭ ގަރަބާގް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެއްވަރުވެގެންނެވެ.
މިއަދު އޮންލައިން