އޮލިމްޕިއާކޮސްގެ މައްޗަށް ބާސާއިން ފަސޭހަ މޮޅެއް ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 48ސ
އޮލިމްޕިއާކޮސްގެ މައްޗަށް ބާސާއިން ފަސޭހަ މޮޅެއް ހޯދައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގައި ރޭ އޮލިމްޕިއާކޯސްގެ މައްޗަށް 1-3 އިން ބާސެލޯނާ އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ބާސާ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. މި ގްރޫޕްގެ ދެވަނައިގައި ހަޕޮއިންޓާއެކު އޮތީ ޔުވެންޓަސްއެވެ.

ތިންވަނައިގައި ތިން ޕޮއިންޓާއެކު ސްޕޯޓިން ލިސްބަން އޮތްއިރު ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އޮލިމްޕިޔާކޯސްއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 18 ވަނަ މިނެޓްގައި ބާސާއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. ބާސާގެ މި ގޯލަކީ އޮލިމްޕިޔާކޯސްގެ ނިކޮލާއު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ބާސާއަށް ވަނީ ލިބި ބޭކާރުވެފައެވެ.

އެގޮތުން ޕައުލީނިއޯ ފޮނުވާލި ހަމަލާއެއް އޮލިމްޕިއާކޮސްގެ ގޯލުގެ ދަނޑިއަށް އަމާޒުވީ އިރު އިތުރު ހަމަލާތަށް ވަނީ އެޓީމުގެ ކޯލްކީޕަރު ދިފާއު ކޮށްފައެވެ.

މެޗުގެ 42 ވަނަ މިނެޓްގައި ގަސްދުގައި ބޯޅައިގައި އަތްލުމުން ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކުއެވެ.

އެއް ގޯލުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފް ބާސާއިން ނިންމާލިއިރު، މެޗުގެ 61 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން މެސީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ މި މުބާރާތްތަކުގައި މެސީ ކާމިޔާބުކުރި 100 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

ބާސާގެ ތިންވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ޑީންޔޭ ކާމިޔާބުކުރިއިރު އޮލިމްޕިޔާކޯސްގެ ހަމައެކަނި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކޮލައުއެވެ.
މި މެޗުން ބާސާ މޮޅުވިއިރު މި ސީޒަނުގައި އެޓީމު އަދި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ، އިޓަލީގެ ޔުވެންޓަސް އިން ވަނީ ސްޕޯޓިންގެ މައްޗަށް ފަހަތުން އަރާ 2-1 އިން ކުރި ހޯދާފައެވެ. ޔުވެންޓަސްގެ ގޯލުތަށް ކާމިޔާބުކުރީ ޕިޔާނިޗް އާއި މަންޒުކިޗްއެވެ.

މިއަދު އޮންލައިން