ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް ވެސް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް ވެސް ކޮށްފި

ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރ މާސެލޯގެ މައްޗަށް ވެސް ކޮށްފި އެވެ.

ސްޕެއިންގެ ޓެކްސް އިދާރާއިން ތުހުމަތު ކުރާގޮތުގައި މާސެލޯގެ މައްޗަށް ތުުހުމަތު ކޮށްފައިވަނީ ގާތްގަނޑަކަށް 490،000 (ހަތަރު ލައްކަ ނުވަދިހަ ހާސް) ޔޫރޯގެ އަދަދަކުން ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށެވެ.

ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރުން ތުހުމަތު ކުރާގޮތުގައި އެ އިދާރާއަށް މަކަރުހެދުމުގެ ގޮތުން 2013 ވަނަ އަހަރު މާސެލޯގެ އިމޭޖް ރައިޓާއި އާމްދަނީ ބެލެހެއްޓުމަން އެހެން ގައުމެއްގެ ކުންފުންޏެއްގެ ބޭނުން ކޮށްފައިވެއެވެ. އަދި މީގެ އިތުރުން މާސެލޯ، ސްޕެއިންގެ ޓެކްސްގެ އޮނިގަނޑު ބޭނުން ކޮށްގެން ނާޖާއިޒު މާލީ ފައިދާ ހޯދާފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރގެ އޮފީހުން ވަނީ ބުނެފަ އެވެ.

މާސެލޯގެ އިތުރުން މީގެ ކުރިން ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވުނު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، އަދި ޑިފެންޑަރ ހާވިއޭ މަޝަރާނޯގެ އިތުރުން ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.

އަދި މީގެ އިތުރުން ބާސެލޯނާގެ ކުރީގެ ރައީސް ސަންދްރޯ ރޮސެލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށް ވެސް ވަނީ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކޮށްފައެވެ.

މިއަދު އޮންލައިން