އިޓަލީގެ މަސްހޫރު ނޫހެއް ކަމުގައިވާ ޓޫޓޯސްޕޯޓްސްއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ ގޯލްޑެން ބޯއީ އެވޯޑްއަށް ހޮވުނު ފައިނަލް ތިން ކުޅުންތެރިންގެ ނަން ރަސްމީކޮށް ޢިއުލާން ކޮށްފިއެވެ.
2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ "ގޯލްޑެން ބޯއީ" މި އެވޯޑަކީ ޔޫރަޕްގައި ކުޅޭ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ދެމުން އަންނަ އެވޯޑެކެވެ.
މިފަހަރުގެ މި އެވޯޑަށް ވާދަކުރާ ފައިނަލް ލިސްޓު ޢިއުލާން ކޮށްފައިވާއިރު ، މިފަހަރުގެ މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ ޕީއެސްޖީއަށް ކުޅެމުންއަންނަ ފްރާންސް ފޯވާޑް ކައިލިއަން އެމްބަޕޭ އާއި ބާސާއަށް ކުޅެމުންއަންނަ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބެލޭ އަދި މެނެޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސްއެވެ.
ގޯލްޑެން ބޯއީ އެވޯޑަށް ވާދަކުރާ 24 ކުޅުންތެރިން ޝޯޓްލިސްޓް ކޮށް އެ 24 ކުޅުންތެރިންގެ ލިސްޓެއް ނިމިގެން ދިޔަހަފްތާގައި އާންމުކޮށްފައިވާއިރު، މި ލިސްޓުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއަންނަ މާކަސް ރަޝްފޯޑް އަދި ބޮރޫޝިއާ ޑޯޓްމުންޑަށް ކުލެމުންއަންނަ ކްރިސްޓިއަން ޕުލިސިޗް ހިމެނެއެވެ.
އެހެން ނަމަވެސް އެންމެ ފަހުން ފައިނަލް ތިން ކުޅުންތެރިންގެ ނަން ޝޯޓްލިސްޓް ކޮށް ޢިއުލާން ކުރިއިރު، މި ދެކުޅުންތެރިންވެސް ވަނީ ބާކީވެފައެވެ.
ފައިނަލް ތިން ކުޅުންތެރިންގެ ނަން ޝޯޓްލިސްޓުކޮށް ފައިނަލް ލިސްޓު ނެރެފައިވާއިރު، މީގެ ތެރެއިންވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި އެވޯޑް ލިބުން އެންމެ ގާތީ އެމްބަޕޭއަށެވެ.
މިހާރު ލޯނު އުސޫލުން ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބަޕޭ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް މޮނާކޯ ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
2003 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް އެންމެ ފުރަތަމަ ހާސިލް ކޮށްފައިވަނީ ނެދަލޭންޑްސްގެ ވެންޑަރވާޓްއެވެ. އަދި އެންމެ ފަހުން މި އެވޯޑް ހާސިލް ކޮށްފައިވަނީ ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒްއެވެ.