"ކަލޭގެފާނަކީ މައްޔިތެކޭ، އަދި އެމީހުންނަކީ މައްޔިތުން ތަކެކޭ"

ކިޔުމަށް ހޭދަވާނީ 2މ 10ސ
"ކަލޭގެފާނަކީ މައްޔިތެކޭ، އަދި އެމީހުންނަކީ މައްޔިތުން ތަކެކޭ"
ކޮންމެ އިންސާނަކީ ވެސް (އަދި ކޮންމެ ދިރޭ އެއްޗަކީ ވެސް) ކޮންމެވެސް ދުވަހަކުން މަރުވާނެ ބައެއް ކަމާއި އެބައެއް ލޯބިވާ ބަޔަކާއި ވަކިވެގެން ދާނެ ބައެއް ކަމަށް އައްޝެއިޚް މުޙައްމަދު ނަޝީދު އާދަމް ގެ ދަރުސްގައި ހަނދުމަ ކޮށްދެއްވައިފިއެވެ.

އިއްޔެގެ ޢަސްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސްގައި ޝެއިޚް ވިދާޅުވެފައިވަނީ، "ކަލޭގެފާނަކީ މައްޔިތެކޭ، އަދި އެމީހުންނަކީ މައްޔިތުން ތަކެކޭ" މިފަދައިން މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمއަށް އެކަލާނގެ ވަޙީ ކުރައްވާފައިވާ ކަމަށެވެ.

"މާނައަކީ ހަމަ ޔަޤީނުންވެސް ކަލެގެފާނަކީ އަވަހާރަވާނެ ބޭފުޅެކެވެ. އަދި އެމީހުންނަކީ (ހުރިހާ އިންސާނުންނަކީ) ވެސް މަރުވާނެ ބައެކެވެ. އެހެންކަމުން އިލާޙީ ވަޙީއިންނާއި އަދި އަޅުގަނޑުމެންގެ އަމިއްލަ ލޮލުން މިފެންނަ ތަޖުރިބާއިން، އިނގޭ އެއްޗަކީ އަޅުގަނޑުމެން އެންމެންވެސް މިދުނިޔެ ދޫކުރާނެކަން. އެއީ ހަމަ ޔަޤީން ކަމެއް. ކާފިރުންނާއި، މުސްލިމުންނާ، ޞާދިޤުންނާ، ފާދިރުންނާ އަދި ކޮބާތޯ ބުއްދި ހަމަ މީހުންނާއި ބުއްދީގެ ގޮތުން އުނިކަން ލިބިފައި ތިބި މީހުންނާ ހުރިހާ އެންމެން އެއްބަސްވާ ޙަޤީޤަތެއް އަޅުގަނޑުމެން މިދުނިޔެ ދޫކުރާނެކަން" ޝެއިޚް މުޙައްމަދު ނަޝީދުގެ ދަރުސްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެދަރުހުގައި ހަނދުމަ ކޮށްދެއްވަމުން ޝެއިޚް ވިދާޅުވީ ހަމަ ބުއްދީގެ ކުޑަވެސް މިންވަރެއް ލިބިފައިވާ މީހަކު މިޙަޤީޤަތްތަކަށް އިންކާރު ނުކުރާނެ ކަމަށެވެ. އެެހެންނަމަވެސް ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް، މިދުނިޔެ ދޫކުރާނެ ވަގުތަށް ތައްޔާރު ނުވެވޭ ކަމަށާއި އެކަމުގައި އިޙުމާލުވެވޭ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

"ކީއްވެގެންތޯ؟ ދުނިޔެ ދައްކާ ދަޅަތަކުގައި އަޅުގަނޑުމެން ހެއްލިގެން ގެއްލިގެން އެޅެވޭތީވެ. މާތް ރަސޫލާ صلىاللهعليهوسلم އަޅުގަނޑުމެންނަށް ދުނިޔޭގެ ޙަޤީޤަތް ބަޔާން ކޮށްދެއްވާފަ އެބައޮތް. އަދި އެކަލާނގެ ވަޙީ ބަސްފުޅު ހިމެނޭ ކީރިތި ޤުރްޢާނުގައި ވެސް އެކަންކަން ބަޔާން ކުރެވިފައި އެބަވޭ. ރަސޫލު ﷲ صلىاللهعليهوسلم ޙަދީޘް ކުރެއްވި ބަސްފުޅުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ 'މިދުނިޔެއަކީ ރީތިވެފައި ފޮނި ތަނެކެވެ. އެތަނަކީ އެތަނަކަށް ރީތިކަމާއި ފޮނިކަން ލިބިފައިވާ ތަނެކެވެ. އަދި ތިޔަބައިމީހުން އެތަނުގައި ﷲ ސުބްޙާނަހޫ ވަޠައާލާ ވަޒަންވެރި ކުރައްވާފައިވަނީ ތިޔަބައިމީހުން އަމަލު ކުރަނީ ކޮން ގޮތަކަށްތޯ ބެއްލެވުމަށްޓަކައެވެ.' " އައްޝެއިޚް މުޙައްމަދު ނަޝީދު އާދަމް ހަނދުމަ ކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން