އިންސާނާ މަރުވުމަށްފަހު ވެސް ސިކުނޑި މަސައްކަތް ކުރާނެ ކަމަށާއި، އެއިންސާނާ މަރުވެއްޖެކަށް އިނގޭނެ ކަމަށްވެސް ސައިންޓިސްޓުން ތަކެއް ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ނިއު ޔޯކް ގެ ލޭންގްވަން ސްކޫލް އޮފް މެޑިސިންގެ، ޑިރެކްޓަރ އޮފް ކްރިޓިކަލް ކެއާ އެންޑް ރީސަސްސިޓޭޝަން ޑރ. ސޭމް ޕާނިއާ އާއި އޭނާގެ ޓީމްވަނީ މިދިރާސާތައް ކޮށް، މަރުވުމަށްފަހު ވެސް ވަކި ވަގުތެއް ވަންދެން ސިކުނޑި މަސައްކަތް ކުރާނެ ކަމަށާއި ކައިރީގައި ހުރެގެން މީހުން ދައްކާ ވާހަކަތައް ވެސް އަޑު އިވޭނެ ކަމަށް ބުނެފައެވެ.
"އިންސާނާއަށް އިނގޭނެ އޭނާ އެއޮތީ މަރުވެފަކަން. އޭނާގެ ކައިރީގައި މީހުން އުޅޭކަން އެނގި ވާހަކަ ދައްކާ އަޑުވެސް އިވޭނެ، އަދި މަރުން ސަލާމަތްވެ އަލުން ދިރޭތޯ އޭނާ ވަރަށް މަސައްކަތް ވެސް ކުރާނެ." ޑރ.ޕާނިއާ ބުނެފައިވެއެވެ.
މީގެއިތުރުން ޑރ. ޕާނިއާ ބުނެފައިވަނީ، މަރުވުމަށްފަހު ސިކުނޑި މަސައްކަތް ކުރަން ހޭދަވާ ވަގުތު އެކި މީހުންގެ ތަފާތު ވާނެ ކަމަށެވެ. ކެނެޑާ ހޮސްޕިޓަލެއްގެ އައިސީޔޫ ގައި މަސައްކަތް ކުރި ޑޮކްޓަރުންތަކެއް ހާމަކުރި ގޮތުގައި، މިއަހަރުގެ މާރޗް މަހު އެތަނުގައި އޮވެ މަރުވި މީހެއްގެ ސިކުނޑި 10 މިނެޓު ވަންދެން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެއައިސީޔޫ ގައި އޮވެ މަރުވި އެހެން ތިން މީހެއްގެ ސިކުނޑި މަސައްކަތް ކޮށްފައިވަނީ އެއަށްވުރެ މަދު ވަގުތުކޮޅަކަށް ކަމަށް ވެސް އެޑޮކްޓަރުން ބުންޏެވެ.
މަރާއި ބެހޭ ގޮތުން ސައިންސްވެރިންނަށް މިދިރާސާތައް ވަރަށް ފަހުން ކުރެވުނު ކަމުގައިވިޔަސް، މަރުވެފައި ތިބޭ މީހުންނަށް އަޑުއިވޭނެ ކަމާއި ވަކި ވަގުތެއް ވަންދެން ސިކުނޑި މަސައްކަތް ކުރާނެ ކަމީ މީގެ އެތަކެއް އަހަރުކުރިން ރަސޫލާ صلىاللهعليهوسلم ވެސް ޙާދީޘް ކުރައްވާފައިވާ ކަމެކެވެ.
ސުލައިމާން ބިން ބުރެއިދާ ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. އެއްދުވަހު ރަސޫލާ صلىاللهعليهوسلم ސަޙަރާއަކަށް ޒިޔާރަތް ކުރައްވާ، އެސަހަރާގައި ވަޅުލާފައިވާ ގަބުރުތަކާއި މުޚާތަބް ކުރައްވާ ޙަދީޘް ކުރެއްވިއެވެ. "ސަޙަރާގެ އަހުލުވެރިންނަށް ސަލާމްއެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު ހަމަކަށަވަރުން ތިމަން ކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަހުލުވެރީންވެސް ތިޔަބައިމީހުންނާއި އެކު ވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިމަންކަލޭގެފާނުގެ އަހުލުވެރިންނަށާއި އަދި ތިމަންކަލޭގެފާނަށް ތިމަންމެން ހެއްދެވި ރަސްކަލާނގެ ރުއްސުންލައްވާ ބަރަކާތްލެއްވުން އެދި ތިމަން ކަލޭގެފާނު އެކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވަމެވެ." (ސަޙީޙް މުސްލިމް، ފޮތް ނަންބަރު 004، ނަންބަރ 2128)
މީގެއިތުރުން އިބްނު އުމަރު ރިވާކުރެއްވި ޙަދީޘެއްގެ މާނައިގާވެއެވެ. ބަދްރް ހަނގުރާމައިގާ ގަތުލުވި ކުއްފާރުންނާއި މުޚާތަބް ކުރައްވާ ރަސޫލާ صلىاللهعليهوسلم ޙަދީޘް ކުރެއްވިއެވެ.
"ފަހެ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ވަޙީ ކުރެއްވި ބަސްފުޅަކީ ޙައްޤު ބަސްފުޅުކަން މިހާރު ތިޔަބައިމީހުންނަށް އިނގޭތޯއެވެ؟" މިއަޑު އިވުމުން އެކަލޭގެފާނުގެ އަސްޙާބު ބޭކަލަކު ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނު ތިޔަ މުޚާތަބު ކުރައްވަނީ މައްޔިތުންތަކަކާއި ތޯއެވެ؟" އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންނަށް (ދުނިޔޭގައި ތިއްބެވި މީހުންނަށް) އެބައިމީހުންނަށްވުރެ (ދުނިޔެ ދޫކޮށްފައި ދިޔަ މީހުންނަށްވުރެ) ބޮޑަށް އަޑު ނުއިވޭހުއްޓެވެ. ތަފާތަކީ އެބައިމީހުންނަށް ޖަވާބެއް ނުދެވޭނެކަމެވެ." (ސަޙީޙް ބުޚާރީ ވޮލިއުމް 2، ފޮތް ނަންބަރު 23، ނަންބަރ 452)