ނަމާދަށް ފަރުވާ ކުޑަކުރެވޭތަ ؟ މިއޮތީ ހައްލު !

ކިޔުމަށް ހޭދަވާނީ 14މ 5ސ
ނަމާދަށް ފަރުވާ ކުޑަކުރެވޭތަ ؟ މިއޮތީ ހައްލު !
الحمد لله و الصلاة و السلام على رسول الله و على آله و أصحابه أجمعين. أما بعد:

ނަމާދަށް ފަރުވާ ކުޑަކުރެވޭތީ އެކަމާއި ކަންބޮޑުވެ އެކަމަށް ޙައްލަކަށް އެދި ތިޔަ ސުވާލުކުރެއްވުމުން ވެސް ދޭހަވަނީ އިސްލާޙްވެ ﷲތަޢާލާގެ މަގަށް ރުޖޫޢަ ވުމަށްއެދޭ މިންވަރާއި އެކަމަށް ހުރި ޝަޢުޤުވެރިކަމެވެ. ﷲ ތަޢާލާ ތިބާއަށް ތިކަމުގައި ހެޔޮގޮތް މިންވަރު ކުރައްވާ އެއިލާހުގެ ރިވެތި ސީދާ ތެދުމަގަށް މަގުދައްކަވާށި. އާމީން.
ލޮބުވެތި މުސްލިމް އަޚާއެވެ! އަދި އުޚްތާއެވެ!

ފުރަތަމަ ކަމަކަށް ދަންނާށެވެ. ނަމާދަކީ އިސްލާމްދީނުގައި އޭގެ މަޤާމް އިންތިހާ ދަރަޖައަށް އުފުލިފައިވާ އިސްލާމްދީން އެކަމަކަށް ވަރަށް ބޮޑަށް އަހަމިއްޔަތު ކަމެއް ދެއްވާފައިވާ އަޅުކަމެކެވެ. ނަމާދަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ދެވަނަ ރުކުނެކެވެ. އެއީ އިސްލާމދީން އޭގެމައްޗަށް ބިނާވެފައިވާ އަޅުކަމެވެ. އެނަމާދު އަޅާފި މީހާ ދީން މުގުރާފިއެވެ. ނަމާދަކީ ނޫރެކެވެ. އަލިކަމެކެވެ. ހިތުގައި ލެވޭނެ އަލިމަގެކެވެ. ނަމާދު ކުރާ މީހާއަށް ހިތްހަމަޖެހުން ލިބި ހިތައް ފިނިކަން ލިބޭނެއެވެ.

ނަމާދުގެ މުހިންމު ކަމާއި ހުރެ އެނަމާދު ފަރުޟު ކުރެވުނީ އެހެން ހުރިހާ އަޅުކަންތައްތަކާއި ޚިލާފަށް ސީދާ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ﷲތަޢާލާ ވަޙީބަސްފުޅު ވަޙީކުރައްވާ އެވެ. އަދި ނަމާދު ފަރުޅުކުރެއްވުނި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ވަރަށް ޚާއްޞަ ކަމެއް ދެއްވުމަށް ފަހު ހަތްއުޑުގެ މަތީގައެވެ. ނަމާދަކީ އެންމެފުރަތަމަ އެމީހާގެ ހިސާބު ބެއްލެވޭ އަޅުކަމެވެ. އެނަމާދު ހެޔޮވެއްޖެ ނަމަ އެހެން ހުރިހާ ކަމެއް ހެޔޮވެ އޭނާ ކާމިޔާބު ވީއެވެ. އެޔާޚިލާފަށް ނަމާދު ގޯސްވެއްޖެ ނަމަ އެހެން ހުރިހާ ކަމެއް ގޯސްވެ ގެއްލުމާއި ހަލާކުގެ ތެރެއަށް ދިޔައީއެވެ. މި ހުރިހާ ކަމަކުންވެސް އެނގެނީ ނަމާދުގެ މުހިންމު ކަމެވެ. އަދި ހަމަ އެޔާއިއެކު ﷲ ތަޢާލާ ވަނީ ނަމާދު ޤާއިމްކުރުމަށް އަމުރުކުރައްވާފައި އެވެ. އަދި ނަމާދު އަޅާމީހާ އަށް ވަރަށް ބޮޑެތި ވަރުގަދަ ވަޢީދުގެ ބަސްފުޅުތައް އައިސްފައި ވެއެވެ.

ﷲ تعالى ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައި ވެއެވެ. ﴿ حَافِظُوا عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ﴾ البقرة: 238، މާނައަކީ: ''ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ!''

އަދިވެސް ވަހީ ކުރައްވާފައި ވެއެވެ.: ﴿ إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا ﴾ النساء: 103، މާނައަކީ: " ހަމަކަށަވަރުން، ނަމާދަކީ މޫމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ".

އަދިވެސް ވަހީ ކުރައްވާފައި ވެއެވެ.: ﴿ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا ﴾ [مريم: 59]. މާނައަކީ: "ނަމަވެސް، އެއުރެންނަށްފަހު، ނުބައިވެގެންވީ ބައަކު، ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދުކޮށް އުޅުން ދޫކޮށްލައި، އެއުރެންގެ ޝަހްވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން، ލަސްތަކެއްނުވެ ހަލާކުވެ ހިނގައިދާހުށިމެއެވެ. އޭގެތެރެއިން ތައުބާވެ، އީމާންވެ، ހެޔޮޢަމަލުކުޅައިންމަތީ ދެމިތިބެއްޖެ މީހުން މެނުވީއެވެ". މި އާޔަތްތަކުން ދޭހަވާ ގޮތުގައި ނަމާދު އަޅާމީހަކީ މުއިމިނެއް ނޫނެވެ. އެހެނީ، މިއާޔަތްތަކުގެ ފަހަތުގައި "ތައުބާވެ، އީމާންވެ" ޔޭ އޮތުމުން ދޭހަވަނީ އެބައިމީހުން ނަމާދު އަޅަމުން ދިޔަ ޙާލުގައި އެއީ މުއިމިނުން ނޫންކަމެވެ.

މިއާޔަތާއި މެދު ބިލާލު ބުނު ސަޢުދު އެކަލޭގެ ފާނުގެ ބައްޕާފުޅާއި ސުވާލު ކުރެއްވިއެވެ. '' އޭބާއްޕާފުޅައެވެ! އެއާޔަތުގައި އެ ބުނަނީ ނަމާދު ނުކޮށް ދޫކުރާ މީހުންގެ ވާހަކަ ހެއްޔެވެ. '' ވިދާޅުވިއެވެ. ''އެބައިމީހުން ނަމާދުނުކޮށް ދޫކޮށްލި ނަމަ ކާފަރުވީހެވެ. އެހެނެއްކަމަކު އެބައިމީހުން ނަމާދު ވަގުތުން ފަސްކުރީއެވެ. '' ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((إن بين الرجل وبين الكفر ترك الصلاة)) رواه مسلم عن جابر بن عبدالله - رضي الله عنه -. މާނައީ: ''ހަމަކަށަވަރުން އިންސާނާއާއި ކުފުރާއި ދެމެދުގައި ވަނީ ނަމާދު އެޅުމެވެ.'' މުރާދަކީ: މުސްލިމު އަޅާ ކާފަރުކަމަށް ވާސިލުވުމަށް ހުރަހަކީ ނަމާދެވެ. ނަމާދު އަޅާފިނަމަ ކާފަރު ވީއެވެ.

އެހެން ޙަދީޘެއްގައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((العهد الذي بيننا وبينهم الصلاة، فمَنْ تركها فقد كفر)) رواه الترمذي والنسائي وابن ماجه. މާނައީ: ''އަހުރެމެންނާއި އެބައިމީހުންނާއި(އެބަހީ: ކާފަރުންނާއި) ދެމެދުގައިވާ ޢަހުދަކީ (އެބަހީ: ފަރަގަކީ) ނަމާދެވެ. އެނަމާދު ދޫކޮށްލައިފި މީހާ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ.''

އެހެން ޙަދީޘެއްގައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((ولا تترك صلاةً مكتوبةً، فمن تركها متعمدًا؛ فقد برئت منه الذمة)) رواه ابن ماجه وغيره، عن أبي الدرداء - رضي الله عنه - މާނައީ: ''ފަރުޟުނަމާދެއް ނާޅާހުށިކެމެވެ. އެނަމާދު ގަސްތުގައި އަޅައިފިމީ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ކިބައިން (ﷲއާއި ރަސޫލާގެ) ޒިންމާ ބަރީއަވެގެން ވެއެވެ. ''

އެހެން ޙަދީޘެއްގައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((لا تترك الصلاة متعمدا، فإنه من ترك الصلاة متعمدا فقد برئت منه ذمة الله ورسوله)) رواه أحمد والطبراني وصححه الألباني. މާނައީ: ''ގަސްތުގައި ނަމާދު ނާޅާހުށިކެމެވެ. ނަމާދު ގަސްތުގައި އަޅައިފިމީ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ކިބައިން ﷲއާއި ރަސޫލާގެ ޒިންމާ ބަރީއަވެގެން ވެއެވެ.''

ނަމާދު އަޅާމީހުންނާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ‏) މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ގިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއްނުވެއެވެ. އެފަދަމީހުން ގިޔާމަތްދުވަހުން ވާހުށީ ގާރޫނާއި ފިރްޢައުނު، ހާމާނު އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ".

ދެވަނައީ: ނަފްސު އިޞްލާހުވެ ނަމާދަށް ފަރުވާތެރިވާ މީހުންގެ ތެރެއިންވުމުގެ ތައުފީޤުދެއްވާތޯ ދުއާކުރާށެވެ. އެއްވެސް ކަމެއް އެއިލާހުގެ އިރާދަފުޅުންމެނުވީ ނުވެއެވެ. އަދި އެއިލާހު އެއީ އަޅުތަކުން ކުރާ ދުޢާ އިޖާބަ ކުރައްވާ އިލާހުއެވެ. (( وَإِذَاسَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ )) البقرة/186 މާނައީ: "އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ".

ތިންވަނައީ: ރަނގަޅު އެކުވެރިން ޚިޔާރު ކުރާށެވެ. ނަމާދަށް ފަރުވާތެރިވާ އަދި ހެޔޮކަންކަމަށް ބާރު އަޅާ އަދި ނުބައިކަންކަމުން ދުރުކުރުވާ ރަހުމތައްތެރިން އިޚްތިޔާރުކޮށް އެއީ އެންމެ ގާތްމީހުންކަމުގައި ހަދާށެވެ. އެހެނީ ހެޔޮމަގުގައި ހުރުމަށް އެކަންބާރަކަށް ވެގެން ދާނެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދިޘްކުރެއްވިއެވެ. ((الْمَرْءُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ )). رَوَاهُ أَبُو دَاوُدَ , وَأَبُو عِيسَى عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا, وقال النووي في " رياض الصالحين ": " إسناده صحيح " . މާނައީ: ''އިންސާނާ ވަނީ އޭނާގެ އެކުވެރިޔާގެ ދީނުގެމަތީގައެވެ. ފަހެ ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް އެކުވެރި ވެވެނީ ކާކާތޯ ބަލާހުށިކަމެވެ.''

ހަތަރުވަނައީ: ނަސޭހަތް ލިބިގަންނާށެވެ. މަންމައާއި ބައްޕަގެ ކިބައިންނެވެ. ހެޔޮލަފާ އެކުވެރިންގެ ކިބައިންނެވެ. އަދި ޢިލްމުވެރިންގެ އަރިހުންނެވެ. ދަރުސްތަކުންނާއި ރޭޑިޔޯ އަދި ޓީވީ ޕްރޮގްރާމްތަކުންނާއި ދެންވެސް އެފަދަ އެހެނިހެން ވަސީލަތްތަކުންނެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދިޘްކުރެއްވިއެވެ.:(( الدِّينُ النَّصِيحَةُ )) روى الإمام مسلم رحمه الله عَنْ تَمِيمٍ الدَّارِيِّ رضي الله عنه : މާނައީ: ''ދީނަކީ ނަސޭހަތެކެވެ''.

ފަސްވަނައީ: ކުރެވޭ ކުޑަ ހެޔޮކަމުގައި ވިޔަސް ސާބިތުވުމަށް އަޒުމު ކަނޑައަޅާށެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދިޘްކުރެއްވިއެވެ. ((وأن أَحَبّ الأعماَلِ إِلى اللهِ أَدوَمُها وَإِنْ قَلَّ)) -رواه البخاري عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا- މާނައީ: ''ޢަމަލުތަކުގެތެރެއިން ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ކުޑަ ޢަމަލެއްކަމުގައި ވިޔަސް ޢަމަލަކީ ދާއިމީކޮށް ކުރެވޭ ޢަމަލެވެ.''

ހަވަނައީ: ކުރެވޭ ހެޔޮކަމަށްޓަކައި ބޮޑާވެ ކިބުރުވެރި ނުވުމެވެ. އެހެނީ އޭގެ ސަބަބުން ތިމާ ޙައްޤުމަގުން އެއްކިބާވުމަކީ ވަރަށް ކައިރި ކަމެކެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދިޘްކުރެއްވިއެވެ. ((الكبر : بَطَر الحق وغَمْط الناس)) .رواه مسلم މާނައީ: ''ކިބުރުވެރި ކަމަކީ ޙައްޤުގޮތް ދޫކޮށްލުމާއި މީސްތަކުން ދައްކޮށްލުމެވެ.''

މީގެ އިތުރުންވެސް ޤުރުއާންކިޔަވާ އަދިވެސް ދީނުގައިވާ ހެޔޮކަންކުރުމަށް މަސައްކަތްކޮށް ހިއްވަރުކުރާށެވެ. ތައުފީޤުދެއްވާނީ ﷲތަޢާލާ އެވެ. އަޅަމެން އެންމެންނަށް އެއިލާހުގެ ތެދުމަގުގައި ސާބިތު ވުމުގެ ތައުފީޤުދެއްވާށި. އާމީން.

(މިއީ އިސްލާމްކިއުއޭއިން ނަގާފައިވާ މައުޟޫމާތު ކޮޅެއް)
މިއަދު އޮންލައިން