* ހުކުރުދުވަހު އެކަހެރިކޮށް ރޯދަ ނުހިފުން :
ހުކުރުދުވަހަކީ މުސްލިމުންގެ ހަފުތާޢިދެވެ. ޢީދުދުވަހު ރޯދަހިފުމަކީ ޝަރުޢީގޮތުން ޙަރާންކަމެކެވެ.
ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ "إن يوم الجمعة يوم عيد وذكر، فلا تجعلوا يوم عيدكم يومصيام، ولكن اجعلوه يوم فطر وذكر، إلا أن تخلطوه بأيام (2) - " ހަމަކަށަވަރުން ހުކުރުދުވަހަކީ ޢީދުދުވަހެކެވެ. އަދި ޛިކްރުކުރުމުގެ ދުވަހެކެވެ. ފަހެ، ޢިދުދުވަހަކީ ރޯދަހިފާދުވަހެއްކަމުގައި ނަހަދާށެވެ. (3) އެހެނެއްކަމަކު އެދުވަސް ރޯދަނުހިފާ ، ޛިކްރުކުރާ ދުވަހެއް ކަމުގައި ހަދާށެވެ. އެކަމަކު އެއީ އޭގެކުރީދުވަހު ނުވަތަ ފަހުދުވަހު ރޯދަ ނުހިފާނަމައެވެ. "
މިބަސްފުޅުން ދޭހަވާގޮތުގައި ބުރާސްފަތިދުވަހާ އެކު ހުކުރުދުވަހު، ނުވަތަ ހުކުރުދުވަހާއެކު ހޮނިހިރުދުވަހު ރޯދަހިފާނަމަ ހުކުރުދުވަހު ރޯދަހިފުން މަކްރޫހަވެގެންނުވެއެވެ. މީގެއިތުރަށް ދެ ދުވަހުންއެއްދު ވަހުރޯދަ ހިފާމީހަކަށް، ހުކުރުދުވަހާ ދިމާވުމުން އެދުވަހު ރޯދަހިފުން މަކްރޫހައެއް ނުވާނެއެވެ.
* ހުކުރުވިލޭރެއާއި ހުކުރުވިލޭރޭގެ ފަތިސްވަގުތުގެ މާތްކަން :
ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި އާދަމުގެދަރިޔާގެ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް އުފުއްލެވޭ ވަގުތުތަކުގެތެރޭގައި ހުކުރުވިލޭރޭ ހިމެނެއެވެ. ބުޚާރީގެ ތާރީޚުގައްޔާއި، މުސްނަދު އަޙްމަދުގައި ރިވާވެގެންވާ ޙަދީޘެއް ބުނާގޮތުގައި :އާދަމުގެ ދަރިންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ބުރާސްފަތިދުވަހު ހަވީރުގެ ވަގުތުގައްޔާއި ހުކުރުވިލޭރޭ ހުށަހެޅޭނެއެވެ.
* އެންމެ މާތް ނަމާދުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ޖަމާޢާތުގައި ކުރާ ފަތިސްނަމާދު ހިމެނުން:
ރަސޫލުﷲގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ޙަދީޘްކުރައްވަނީ " مَا مِنَ الصَّلَوَاتِ صَلاةٌ أَفْضَلُ مِنْ صَلاةِ الْفَجْرِ يَوْمَ الْجُمُعَةِ فِي الْجَمَاعَةِ ،وَمَا أَحْسَبُ مَنْ شَهِدَهَا مِنْكُمْ إِلا مَغْفُورًا لَهُ (4) - ހުކުރުވިލޭރޭ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ވުރެ މާތްކަންބޮޑު ނަމާދެއްނެތެވެ. ތިޔަބައިމީހުންގެ ތެރެއިން އެނަމާދުގައި ބައިވެރިވި ކޮންމެމީހަކަށް ފާފަފުއްސަވާ ދެއްވުންނޫންކަމެއް އޮތްކަމަކަށް ދެކެވަޑައެއް ނުގަންނަވަމެވެ. " ހުކުރުދުވަސް ޗުއްޓީ ދުވަހަކަށްވާތީ ހުކުރުވިލޭރޭ މަޖަލާއި ނާޗަރަންގީގައި ހޭދަކުރާ މީހާއަށް ފަތިސްނަމާދަށް ތެދުވެވޭނެބާވައެވެ.
* ހުކުރުނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތައް:
އޭގެތެރޭގައި ހުކުރުނަމާދަށްޓަކައި ހިނައިގަތުމާއި، ސާފުތާހިރުވުމާއި، ރީތިފޭރާންލައި ނަލަހެނދުމާއި، ހުވަދުލުންހިމެނެއެވެ.
ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ –ޙަދީޘްކުރައްވަނީ " إِذَا كَانَ يَوْمُ الْجُمُعَةِ اغْتَسَلَ الرَّجُلُ وَغَسَلَ رَأْسَهُ ، ثُمَّ تَطَيَّبَ مِنْ أَطْيَبِ طِيبِهِ ، وَلَبِسَ مِنْ صَالِحِ ثِيَابِهِ ، ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ ، ثُمَّ اسْتَمَعَ إِلَى الإِمَامِ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِأَيَّامٍ (5) -
ހުކުރުދުވަހު ހިނައިގަނެ، ބޯދުވެ އެމީހެއްގެ އަތުގައި ހުރި އެންމެ ވަސްމީރު ހުވަނދަކުން ހުވަނދުލައި (ނުވަތަ ސެންޓަކުން ސެންޓްލައި) އަތުގައި އެންމެރަނގަޅު ހެދުމެއްލައިގެން ހުކުރަށްގޮސް، ދެމީހެއްގެ ދެމެދަށްވަދެ އެދެމީހުން ފޭނުކޮށް ޚުޠުބާ އަޑުއަހައި، ނަމާދު ކުރިމީހާއަށް، އެހުކުރާ އަނެއްހުކުރާ ދެމެދުގައި ކުރެވޭފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި އިތުރަށް ތިންދުވަހުގެ ފާފަތައްވެސް މެއެވެ. " މި ބަސްފުޅުން އެނގެނީ އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއްކަމެވެ. އަދި އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިވާއިރު އެތެރެފުށާއި ބޭރުފުށް ޒީނަތްތެރިކުރަންޖެހޭނެކަމެވެ. ބައްދަލުވުމުގައި ބައިވެރިވާ މީހަކަށް ތިމާގެ ސަބަބުން އުދަނގުލެއް ފޯރަފާނެ ކަމެއްކޮށްގެން ނުވާނެކަމެވެ.
* ކީރިތިޤުރްއާން ކިޔެވުން: ހުކުރުދުވަހު ކިޔަވަން:
އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަ ކުރައްވާފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކްރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅު ކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާ ޙައުލަކަށް ހެއްދެވުމަށް ޓަކައެވެ. މި ސޫރަތް ތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާއަށް ވަރަށް އިސްކަންދެއްވާފައި ވެއެވެ. އަދި މައްކީ ސޫރަތް ތަކުގައި ކުރީގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެވާހަކަތަކުން ޢިބް ރަތްޙާޞިލުކުރުމަށް ޓަކައެވެ.
ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ޙަދީޘް ކުރައްވަނީ " اقرءوا سورة هود يوم الجمعة (6) - ތިޔަބައި މީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ.
އެހެންބަސްފުޅެއްގައިވަނީ ''من قرأ سورة الكهف يوم الجمعة أضاء لهمن النور ما بين الجمعتين (7) - ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވިމީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަން ދެއްވާނެ ނޫރެއް ލައްވަވާނެއެވެ. " އަޘަރުގައި އައިސްފައިވެއެވެ. " ހުކުރުވިލޭރޭ ޔާސީން ސޫރަތްކިޔެވިމީހާގެ ފާފަ ފުއްސަވާ ދެއްވާނެތެވެ.
ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ޙަދީޘްކުރައްވަނީ " مَنْ قَرَأَ "حم" الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍ بنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ" (8) – ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާނު ސޫރަތް ކިޔެވި މީހާއަށް މާތްﷲ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ."
* ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން :
ހުކުރު ދުވަހާއި ހުކުރުވިލޭރޭ ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައިވެއެވެ.
ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނީ " أكثروا من الصلاة علىَّ يوم الجمعة فإنه يوم مَشْهُودٌ تَشْهَدُهُ الملائكة وإن أحدا لن يُصَلِّىَ عَلَىَّ إلا عُرِضَتْ عَلَىَّ صلاته حتى يَفْرُغَ منها قيل وبعد الموت قال وبعد الموت إن الله حرم على الأرض أن تأكلأجساد الأنبياء فَنَبِىُّ الله حَىٌّ يُرْزَقُ (9)-
ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތް ބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައި މީހުންގެތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާ އަވަދިވާއިރަށް އެޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާ ދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައިވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ.
ސުވަރުގެ ވަޑައިގެންނެވުމަށް ފަހުގައިވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތް ﷲ ބިމަށް ޙަރާން ކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲ ގެ ނަބީން ނަކީ ދިރިދެމިގެންވާ ރިޒްޤު ދެއްވަވާ ބަޔެކެވެ.
" އެހެން ޙަދީޘެއްގައިވެއެވެ. " ތިޔަބައިމީހުން ހުކުރު ވިލޭރެއާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަން ކުރިމީހާ އަށް ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.
ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ﷲ ކީރިތި ޤުރްއާނު ގައި އެކަމަށް އަމުރުކުރައްވާފައި ވާތީއެވެ. މުސްލިމުންގެ ޢީދުދުވަސް ކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ.
އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއްވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި " ލޯބިވާ މީހެއްގެ ވާހަކަ ގިނަގިނައިން ދެއްކޭނެއެވެ. ކީރިތިރަސޫލާގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު ހުކުރުދުވަހަށް " އަލްޔައުމުލް އަޒްހަރު" އަދި ހުކުރުވިލޭރެއަށް "އައްލައިލަތުއް ޒަހްރާ " ގެ ނަންދެއްވާފައިވެއެވެ.
* ހުކުރުނަމާދަށް އަވަހަށް ދިޔުން :
ހުކުރުނަމާދަށް އަވަހަށް މިސްކިތަށް ދިޔުމަކީ ކީރިތިރަސޫލާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށްބޮޑަށް ހިތްވަރު ދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲ ގެ ޙަޟްރަތާ ބޮޑަށް ކުއްތަންވެވޭނެ ތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަ ކުރުން އިތުރުވާނެތީ ވެސްމެއެވެ. އަޙްމަދު ރިވާކުރައްވާ ގޮތުގައި " ހުކުރުދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތް ކުރާނެތެވެ. އަދި މަލާއިކަތްބޭކަލުން މިސްކިތް ތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަމީހުނގެ ނަންތައް ލިއުއްވާނެތެވެ. އިމާމާ މިސްކިތަށް ވަދެ މިންބަރަށް އަރައްޖައުމަށްދާންދެން އެބޭކަލުން މިސްކިތަށް އަންނަމީހުންގެ ނަންތައް ތަރްތީބުން ލިއުއްވާނެތެވެ.
އަނެއް ޙަދީޘްފުޅެއް ބުނާގޮތުގައި އިމާމާ މިންބަރަށް އެރުމުން އެދުވަހު ހުކުރުނަމާދަށް އައިމީހުންގެ ނަންތައް ލިއުއްވާ، ފަތްތައްލައްޕަވާލައްވާނެތެވެ. ހުކުރު ނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާން ކޮށްދެއްވަމުން ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްކުރައްވަނީ " مَنْ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الْجَنَابَةِ ثُمَّ رَاحَ فِي السَّاعَةِ الْأُولَى فَكَأَنَّمَا قَرَّبَ بَدَنَةً وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ وَمَنْ رَاحَ فِيالسَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً فَإِذَا خَرَجَ الْإِمَامُ حَضَرَتْ الْمَلَائِكَةُ يَسْتَمِعُونَ الذِّكْرَ (10) -
ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރިފަދައެވެ. ތިންވަނަ ގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާން ކުރިފަދައެވެ. ހަތަރުވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަ ގަޑީގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތް ބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެވަޑައި ގަންނަވާނެތެވެ. "
* ހުކުރު ނަމާދަށްޓަކައި މިސްކިތަށް އަރައި ސަފުތައް ފޭއަޅުވާލައި ނުދިޔުން :
މިސްކިތަށް އަރަނީ ﷲ ގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާޢި ނަމާދު ކުރުމަށްޓަކައެވެ. މިސްކިތަކީ މި ބިންމަތީގައި ހުރި ﷲގެ ގަނޑުވަރުތަކެވެ. މިސްކިތަށް ދާމީހުންނަކީ މި ގަނޑުވަރުތައް އާރާސްތުކުރާ މީހުންނެވެ. އަދި އެބައިމީހުން ނަކީ ﷲ އަށް ޒިޔާރަތްކުރާ ބަޔެކެވެ. އެހެންކަމުން ﷲ އެމީހުންގެ ޤަދަރު އުފުއްލަވަތެވެ. މިސްކިތަށް އަރައި އެތާނގެ އެތެރޭގައި މީހުންނަށް އުދަނގޫ ވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން، މީހުންކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއްނޫނެވެ. ކުރީސަފު ބޭނުންވާމީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުން އަރާމީހަކު ކުރިއަށް ގޮސް ދެމީހަކު ދެމެދުން ތަންކޮޅެއް ހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއިސުލޫކާ ޚިލާފުކަމެކެވެ.
ކީރިތިރަސޫލާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނީ " مَنْ تَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًا إِلَىجَهَنَّمَ (11) – ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައްމަތިން ގިރާކޮށްދާމީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ.
އެއްދުވަހަކު ކީރިތިރަސޫލާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޚުޠުބާ ދެއްވަން ހުންނަވަނިކޮށް މީހަކު އަރައި، މީސްތަކުން ކޮއްޕަމުން، ކޮޑުތައްމަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ " ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިއައީ ލަހުންނެވެ. "
* ޚުޠުބާ އަޑުއެހުން :
ޚުޠުބާއަކީ މީސްތަކުންނާ އެހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާޢި، މީސްތަކުންނަށް ދީނީކަންތައްތައް އޮޅުންފިލުވައި ދިނުމަށާއި ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ. މިޚުޠުބާއިން ފައިދާލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑުނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތިރަސޫލާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނީ " ހުކުރު ޚުޠުބާ ދެވެމުން ދާއިރު ތިބާގެ ގާތުގައި އިންމީހާ އާ ދިމާއަށް ހަނު ހިމޭނުން ލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. " މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމު ވެއްޖެކަމެވެ.
* ތަހްޒީބީ މަލަތައް :
އިސްދެންނެވި ކަންތައްތަކުގެ އިތުރަށް ހުކުރުގައި ތަހްޒީބީ އެހެން މަލަތަކެއްވެސް ހިމެނެއެވެ. ހުކުރަކީ އިސްލާމީ އިޖްތިމާޢީ ނިޒާމުގެ މުންނާރު ތަކުގެ ތެރެއިން މުންނާރެކެވެ. މުޖްތަމަޢުގެ އެކުވެރި ކަމާއި އެއްބައިވަންތަ ކަން ހަރުދަނާ ކޮށްދޭކަމެކެވެ. ހުކުރު ނަމާދަކީ، އެކަކު އަނެކާގެ ޙާލު ދެނެގަތުމަށް ލިބޭ ފުރްޞަތެކެވެ. މުސްލިމުންގެ މެދުގައި ލޯތްބާއި ކުލުނު އިތުރުކޮށްދޭ ބައްދަލުވުމެކެވެ. ހަފުތާވީ ސިންތާއެކެވެ. ހުކުރުދުވަސް ހަފުތާގެ ދުވަސްތަކުގެ ސާހިބައަށްވީ، މިހެންވެގެންނެވެ. ހުކުރުދުވަސް ހަފުތާގެ އެންމެ މާތްދުވަހަށްވީ މިހެންވެގެންނެވެ.
(ޝައިޚް އިބުރާހިމް ރަޝީދު މޫސާ ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ މައުޟޫމާތު ކޮޅެއް)