ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އަންނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ބާއްވާ "ކަނބަލުންގެ މަހާސިންތާ" ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އަދި ވެރިކަމާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި އެހެން އެންމެން ވެސް ޕާޓީން ބޭރު ކުރީ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ގެ މަގާމުވެސް ފުރުއްވާފައިވާ ރީކޯ މޫސަ ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ހޮވާނީ އިންތިގާލީ ވެރިއެއް ކަމަށް ނަޝީދު ވިދާޅުވުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި ވެރިކަމަށް ގެންނާނެ ކަމަށް ވިދާޅުވެ، ޖަމީލަށް ވެސް ރަން އިލޮށިން ކަދުރު ކާން ދިނީ ކަމަށެވެ.
''އިންތިގާލީ ވެރިއެކޭ ބުނެ، ދައުރުގެ މެދު ތެރެއިން ވެރިކަން ބަދަލުކުރާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. ކެރޭ ނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަންވީ'' ރީކޯ މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސަ ވިދާޅުވީ ކޮންމެ މީހަކު ވެސް އިސް ކުރަންޖެހޭނީ ގައުމު ކަމަށާއި އެކަމަކު މިއަދު ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ. އަދި ވެރިކަމުގެ ބޭނުމުގައި ރާއްޖޭގެ އަގު ވައްޓާލަން އެތައް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރީކޯ މޫސަ ވިދާޅުވި އެވެ.