ސުވާލު: މީހަކު އަޅުގަނޑުކައިރި އަހަނީ ޑައިނަސޯގެ ވާހަކަ ކީރިތި ޤްރުއާނުގައި ކީއްވެހޭ އައިސްފައިނެތީ؟ މިއަށް ޖަވާބުދޭނީ ކިހިނެތްތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ބަސްފުޅެވެ. އެ ޤުރްއާން ބާވައިލެއްވުމުގެ މަޤްޞަދަކީ އިންސާނުންނަށް މި ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖެވެރި ކުރާނެގޮތުގެ މަގު މާތްﷲ ގެ ޙަޟްރަތުން ބަޔާންކޮށްދެއްވުމެވެ.
ޤުރްއާނުގައި މާތްﷲ ހެއްދެވި ހުރިހާ މަޚްލޫޤުންގެ ނަންތައް އެއިލާހު ވަޙީ ކުރައްވާފައި ނުވެއެވެ. އެހެން ނަމަވެސް އެ އިލާހުގެ ބައެއް މަޚްލޫގާތްތަކުގެ ނަންތައް ވަޙީކުރައްވާފައި ވެއެވެ. އެ ނަންތަކަކީ އެކަލާންގެ އިރާދަފުޅާއި އެއްގޮތަށް އެކަލާންގެ ޤުރުއާންގައި ވަޙީކުރައްވާފައިވާ ނަންތަކެކެވެ. އަދި ހުރިހާ މަޚްލޫޤުންގެ ނަންތައް ޤުރުއާނުގައި ވަޙީކުރެއްވުމަށް އެއިލާހު އިރާދަފުޅު ނުކުރައްވާތީ އެ ހުރިހާ ނަންތަކެއް ޤުރުއާނުގައި ނެތީއެވެ. ވީމާ ވަކި މަޚްލޫޤެއްގެ ނަމެއް ޤުރްއާނުގައި ނެތުމުގެ ސަބަބަކީ ކޮބާއިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.
"އެކަލާންގެ ކުރައްވާ ކަންތަކަކާ އަޅުގަނޑުމެނަކަށް ސުވާލެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު އަޅުގަނޑުމެންގެ ކަންތަކާއި ބެހޭގޮތުން އެކަލާންގެ ސުވާލުކުރައްވާނެއެވެ." އަޅުގަނޑުމެން އިންސާނުނަށް އެނގޭނީ ޤުރްއާނާއި ޙަދީޘްގައި ސަބަބު ބަޔާން ވެގެން ވީނަމައެވެ. ޑައިނަސޯރ ގެ ނަން ޤުރްއާނުގައި އައިސްފައި ނުވާ ސަބަބެއް ޤުރްއާނުންވެސް އަދި ޙަދީޘަކުންވެސް އެނގޭކަށްނެތެވެ. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެނީ މަރުވެގޮސްފައިވާ ހުރިހާ އެއްޗަކާއި އަދި ދުނިޔެއަށް އަލުން އަންނަން ހުރި ހުރިހާ އެއްޗެއް ހައްދާވާ އެއަށް ރިޒްޤު ދެއްވަނީ މާތްﷲ ކަމެވެ.
މިއަށްފަހު އަޅުގަނޑަށް ފެންނަގޮތުގައި ޑައިނަސޯރ އަކީ ސައިންސްވެރިންގެ ފަރާތުން އައިސްފައިވާ ތިއޮރޮޓިކަލް (ނަޒަރީ) ވާހަކައެކެވެ. މީގެ އަސްލު މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. އާރކެއޮލޮޖިސްޓުން (ބިމުގެ އާސާރީ ތަކެތި ދިރާސާކުރާ މީހުން) ނަށް ފެނިފައިވާ، ކަށިތަކުގެ އަހުލުވެރި މަޚްލޫގުންނަށް ޑައިނޯސަރގެ ނަމުން ނަން ދިނީވެސް އާރކިއޮލޮޖިސްޓުންވެ. އެއީ ޤުރުއާން ބާވައިލެވުނު މާފަހުންނެވެ. ޑައިނަސޯރ މި ދުނިޔެއިން ފޮހެވިގެން ދިޔަކަމަށް ބުނާއިރު އެކަން ދިމާވި ގޮތާމެދުވެސް ސައިންސްވެރިން ވަނީ ޝައްކެއްގެ މަތީގައެވެ.
މިފަދަ ތިއަރީ ތަކަކީ ބައެއްގެ ހިޔާލާއި ފިކުރުތަކުގެ މައްޗަށް ބިނާވެގެންވާ ވާހަކަ ތަކެވެ. މި ކަންކަމުގެ އަސްލު މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. މިފަދަ ތިއަރީތައް ގަބޫލުކުރުން ނުވަތަ ނުކުރުން އެއީ މީހާގެ އީމާންކަން އިތުރުވެ އަދި މަދުވާ ކަމެއްވެސް ނޫނެވެ. މިފަދަ ތިއަރީ ތަކަކީ އޭގެމައްޗަށް ޢަޤީދާ އާއި އެއްވެސް ޢަމަލެއް ބިނާވެގެންވާ ތިއަރީ ތަކެއް ނޫނެވެ.
ދުނިޔެއާއި އާޚިރަތައްވެސް ފައިދާ ކުރުމެއްނެތް ޝައްކާއި ވަހުމު އުފެދިފައިވާ މިފަދަ ވާހަކަތަކުގެތެރޭގައި އަޅުގަނޑުމެންގެ ވަގުތުތައް ބޭކާރުކޮށްލުމުގެ ބަދަލުގައި ދެދުނިޔޭގައި ފައިދާހުރި ކަންތަކާއިގެން އުޅުމަކީ ބުއްދުވެރިންގެ ގޮތެވެ. والله أعلم
(މިއީ އިސްލާމްކިއުއޭއިން ނަގާފައިވާ މައުޟޫމާތު ކޮޅެއް)