ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ ގައި ދަރުސް ދެއްވަމުން ޝައިޚް މަންޞޫރު ވިދާޅުވީ ކޫޕަން ދޫކޮށްގެން ގުރުއަތުން ވަކި ބައަކަށް ނުވަތަ ވަކި އަދަދެއްގެ މީހުންނަށް އިނާމުލިބޭ ގޮތަށް ހިންގާ މުޢާމަލާތްތައް ޝަރުޠުތަކަކާއިއެކު ހުއްދަ ކަމަށެވެ. "މިސާލަކަށް ގެއަށް ޢާންމުކޮށް ބޭނުންވާ ވަރަށް މީހަކު އެއްޗެއް ގަތުމުން ލިބޭ ކޫޕަނަކަށް ލިބޭ އިނާމު ހުއްދަވާނެ. ނަމަވެސް އިނާމު ހޯދުމުގެ ދަހިވެތިކަމުގައި ގެއަށް ބޭނުންވާވަރަށްވުރެ އިތުރަށް ގަނެ ހޯދާ ކޫޕަނަށް އިނާމު ލިބިގަތުމަކީ ޖުވާގެ މުޢާމަލާތެއް ކަމަށް ބެލިދާނެ. އެއީ ހުއްދަ މުޢާމަލާތެއް ނޫން."
ޝައިޚް މަންޞޫރު ވިދާޅުވީ ބާއްވާ ފޮތް މައުރަޒުތަކުގައި ފޮތް އަގުހެޔޮކޮށް ވިއްކައި އަދި އިނާމުވެސް ދޭ ކަމަށާއި އެއީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް މައުރަޒަކުން ފޮތް ފަދަ ތަކެތި ގަންނަ އިރުވެސް ތިމާ ބޭނުންނުވާވަރަށް އިނާމުގެ ބޭނުމުގައި ކޫޕަން ހޯދައިގެން ލިބޭ އިނާމު ހުއްދަ ނުވާނެ ކަމަށެވެ.
"ބައެއް ޕްރަމޯޝަންތަކުގައި ނެޕީ ޕެކެޓެއް ގަތުމުން އިނާމުގެ ގޮތުގައި ފްލެޓެއް އެބަލިބޭ. ނެޕީ ޕެކެޓެއް ބޭނުން ނުވާ މީހަކު ފްލެޓުގެ ބޭނުމުގައި ނެޕީ ޕެކެޓު ގަނެގެން ފްލެޓް ލިބިއްޖެނަމަ އެއީ ހުއްދަ މުޢާމަލާމާތެއް ނޫން. އެކަން ވަދެގެންދާނީ ސީދާ ޖުވާގެ ތެރެއަށް."
ޝައިޚް މަންޞޫރު ވިދާޅުވީ ބައެއް ފަހަރު ވިއްކާ މުދަލުގެ އަގު ބޮޑުކުރުމަށްފަހު ނުވަތަ ބޮޑު އަގުގައި ވިއްކުމަށްފަހު އެ މުދާ ގަންނަ އެތައް ބައެއްގެ މެދުގައި ގުރުއަތުލައިގެން އިނާމު ދޭ ކަމަށާއި އެ ކަމަކީވެސް ޖުވާގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އެފަދަ އިނާމު ވެސް ހުއްދަ ނުވާނެ ކަމަށެވެ.
ޝައިޚް މަންޞޫރު ވިދާޅުވީ އިންޓަރނެޓުގެ ބައެއް ސައިޓުތަކަށް ވަނުމުން މަރުހަބާ ކިޔައި ގުޅަން ބުނާ ނަމްބަރަށް ގުޅުމުން ބުނާ ފިހާރައަކަށް ގޮސް ކުރާ ވިޔަފާރިއަކުން އިނާމު އެބަދޭ ކަމަށާއި އެއީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންކަން ވެސް ހުއްދަ ނުވާނެ ކަމަށެވެ.
ޝައިޚް މަންޞޫރު ވިދާޅުވީ ބައެއް ފަހަރު ހިންގާ ޕްރަމޯޝަންތަކުގައި ވަކި އަދަދަކަށް ފުޅީގެ މަތިގަނޑު ފަދަ ތަކެތި ހަމަކުރުމުން ދޭ އިނާމު ހުއްދަ ކަމަށާއި ނަމަވެސް އެގޮތަށް ހިންގާ ޕްރަމޯޝަންތަކުގައި ލިބޭ އިނާމު ހުއްދަ ވާނީ ގަންނަ ކޮންމެ ފުޅިއެއްގެ މަތިގަނޑުވެސް އިނާމު ހޯދަން ބޭނުންކުރެވޭނަމަ ކަމަށެވެ. ބައެއް މަތިގަނޑު ބޭނުންކުރެވިފައި އެހެން މަތިގަނޑުތައް ބޭނުން ނުކުރެވޭނަމަ އެކަންވެސް ހިމެނިގެންދާނީ ރިބާ އެކުލެވޭ މުއާމަލާތަކަށް ކަމަށެވެ.
ޝައިޚް މަންސޫރު ވިދާޅުވީ ބައެއް ޕްރަމޯޝަންތަކުގައި ގަންނަ ތަކެއްޗާއެކު ސްޓިކަރއެއްގެ ބައެއް ލިބޭ ކަމަށާއި އިނާމު ލިބެނީ ސްޓިކަރގެ އެހެން ބައިތައް ހަމަކުރުމުން ކަމަށެވެ. އެފަދަ ހާލަތްތަކުގައި އިނާމު ލިބުމުގެ ދަހިވެތިކަމުގައި ސްޓިކަރގެ އެހެން ބައިތައް ހަމަކުރުމަށްޓަކައި އިތުރު މުދާ ގަންނަ ކަމަށާއި އެގޮތަށް ކުރާ މުޢާމަލާތްތައްވެސް ހިމެނޭނީ ރިބާ ހިމެނޭ މުޢާމަލާތްތަކަށް ކަމަށްވާތީ އެފަދަ މުޢާމަލާތްތައްވެސް ހުއްދަ ނުވާނެ ކަމަށެވެ.
ޝައިޚް މަންޞޫރު ވިދާޅުވީ ފިހާރައަށް ވަންނަ ކޮންމެ މީހަކަށް އިނާމު ދިނުމަކީ މައްސަލައެއް ނޫން ކަމަށް އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި ގަންނަ އެއްޗަކާއެކު އިނާމެއް ލިބޭކަން އަންގައިގެން އިނާމު ދިނުމަކީވެސް ހުއްދަ ކަމެއް ކަމަށެވެ. "މިސާލަކަށް މީހަކު ކޮލްގެޓްފުޅިއެއް ގަންނައިރު އެއާއިއެކު އިތުރު ކޮލްގެޓް ފުޅިއެއް ދިނުމަކީ އެންމެ ރަނގަޅުކަމެއް. އަދި އެގޮތަށް އިނާމުދޭއިރު މުދަލުގެ އަގު ތަންކޮޅެއް ބޮޑުކުރުމަކީވެސް ހުއްދަކަމެއް."
ޝައިޚް މަންޞޫރު ވިދާޅުވީ އެއްޗެއް ގަތުމުން ދޭ ހަދިޔާއަކީ ކޮން އެއްޗެއްކަން ގަންނަ މީހާއަށް އެނގެންޖެހޭނެ ކަމަށާއި އެހެން ނޫންނަމަ އެ ކަމަކީ ޖުވާގެ މުޢާމަލާމާތަކަށްވުމުގެ ބިރު އެބައޮތް ކަމަށާއި ޖުވާ ހިމެނޭ މުޢާމަލާތެއް ހުއްދަ ނުވާނެ ކަމަށެވެ.
ޝައިޚް މަންޞޫރު ވިދާޅުވީ އިނާމު ކަނޑައެޅުމުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެގެން އޮތީ "އިނާމު ކަނޑައެޅުމެއް ނުވެއޭ، ޖަމަލު ރޭހާއި، އަސް ރޭހާއި ދުނިދަނޑި އުކުމާއި މި 3 ކަންތަކުގައި މެނުވީ ބަދަލެއްގެ ގޮތުގައި ނުވަތަ އިނާމެއްގެ ގޮތުގައި އެއްޗެއް ދިނުން ހުއްދައެއް ނޫން" ކަމަށް ކަމަށެވެ. މިއީ ސާބިތުކަމާއިއެކު ޙަދީޘްފުޅުން ފެންނަން އޮތް ގޮތް ކަމަށެވެ.
ޝައިޚް މަންޞޫރު ވިދާޅުވީ އިނާމު ދިނުމާއިމެދު ޞައްޙަ ޙަދީޘްފުޅުން މިގޮތަށް ސާބިތުކަމާއިއެކު ފެންނަން އޮތުމުން މިނޫން ކަންކަމުގައި އިނާމު ނުދެވޭނެ ކަމަށް ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"ނަމަވެސް އިމާމް އަބޫ ހަނީފާ، ހަންބަލީން، ބައެއް ޝާފިޢީން ދެކެވަޑައިގަންނަވަނީ މި ހަދީޘްފުޅުގައި މިހެން އޮތުމުން ޤަބޫލުފުޅުކުރައްވަވަނީ ޖިހާދަށް މީހާ ތައްޔާރުވުމާއި ދޯނި ރޭހާއި ކީރިތި ޤްރްއާން ހިތުދަސްކުރުން ފަދަ އިސްލާމް ދީނަސް ފައިދާކުރާނެ ކޮންމެ ކަމެއްގައިވެސް އިނާމު ދެވިދާނެ ކަމަށް."
ޝައިޚް މަންޞޫރު ވިދާޅުވީ މި ރައުޔަށް ތާއީދުކުރެވިދާނެ ކަމަށާއި އެހެނީ އެއީ އިސްލާމް ދީނަށް ފައިދާކުރާ ކަންކަމުގައި އިނާމު ކަނައެޅުން ކަމުގައިވާތީ ކަމަށެވެ. "މުނިފޫހިފިލުވުމާއި ކުޅިވަރާއި އިސްލާމް ދީނަށް އެކަމަކުން ފައިދާ ނުކުރާނެ ކަންކަމުގައި އިނާމު ކަނައެޅުމަކީ ޖުމްހޫރު އިލްމުވެރިންގެ ކުރިފުޅުމަތީގައި ހުއްދަ ކަންތައްތަކެއް ނޫން. ބައެއް ތާބިއީ ބޭކަލުން ވިދާޅުވަނީ ދުނިޔަވީ ކޮންމެ ކަމެއްގައިވެސް އިނާމު ކަނޑައެޅިދާނެ ކަމަށް. މިހިރީ ހައްތަހާވެސް ފެންނަން ހުރި ރައުޔުތައް."
އިނާމު ދިނުމަށްޓަކައި ގުރުއަތުލުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށްވެސް ޝައިޚް މަންޞޫރު ވިދާޅުވިއެވެ.