މާޝިއަލްގެ ގޯލުން ޔުނައިޓެޑުން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
މާޝިއަލްގެ ގޯލުން ޔުނައިޓެޑުން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުން ޓޮޓެންހަމްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވެއެވެ. އަދި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމުންކުރެ ޓީމަކަށް މި ހާފުގައި ލިބިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ދެޓީމު އެއްވަރެއްގައި އޮވެ ނިންމާލިނަމަވެސް ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ރަނގަޅަށް ކުޅެ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މިކިތާރިޔަން ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ލޮރިސް ދިފާއުކުރިއިރު ލުކާކޫ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ. މީގެއިތުރުން ވެލެންސިއާ ވެސް ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

މި ހާފުގައި ގޯލްޖަހަން ޓޮޓެންހަމް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ޑެލެ އަލީ އަށެވެ. ނަމަވެސް އެރިކްސަން ދިން ޕާހަކުން އަލީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންތޮނީ މާޝިއަލްއެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. ޓޮޓެންހަމް އޮތީ 20 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުންކުޅެ 25 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޗެލްސީއާއެވެ. ޓޮޓެންހަމް ނިކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.
މިއަދު އޮންލައިން