މާތް ﷲ ގެ ޙަޟްރަތުގައި މި ތިން ފާފައިގެ އަޒާބު ދެގުނައަށް ބޮޑު

ކިޔުމަށް ހޭދަވާނީ 1މ 50ސ
މާތް ﷲ ގެ ޙަޟްރަތުގައި މި ތިން ފާފައިގެ އަޒާބު ދެގުނައަށް ބޮޑު
އިސްލާމްދީނަކީ، އަޅުކަން ކުރަން އެންމެ ޙައްޤު ވެގެންވާ ދީނެވެ. ދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން އުޅޭ މުސްލިމުންނަށް ދެދުނިޔޭގައި ވެސް ލިބޭ ނިޢުމަތްތައް، ގުނާ އަދަދު ނުކުރެވޭހާވެސް ބޮޑެވެ. ނަމަވެސް ފާފަ ކުރުމުގައި ދެމިތިބޭ އަޅުންނަށް އޮތް އަޒާބުވެސް އެހާމެ ބޮޑެވެ.

އެގޮތުން لله سبحانه وتعالى ގެ ޙަޟްރަތުގައި ދެގުނައަށް އަޒާބު ލިބޭ ތިން ފާފައެއް ވެއެވެ.

އެއީ ޝިރްކު ކުރުމާއި، ޒިނޭ ކުރުމާއި އަދި ގަސްތުގައި މީހަކު މެރުމެވެ.

ޝިރްކު ކުރުމަކީ، އަޅުކަން ކުރުމުގައި الله سبحانه وتعالى އާއި އެހެން އެއްޗެއް އެއްފަދަ ކުރުމެވެ. މިސާލަކަށް ބުދަށް އަޅުކަން ކުރުމެވެ. ޒިނޭ ކުރުމަކީ ކައިވެނި ނުކޮށް ތިބެ އެކަކު އަނެކަކުގެ ކިބައިން ޖިންސީ އުފާ ހޯދުމެވެ. ގަސްތުގައި މީހަކު މެރުމަކީ، އެއްވެސް ކުށަކާއި ނުލާ، އަދި އެދެވިގެންވާ ސަބަބަކާއި ނުލާ މީހުން މެރުމެވެ. މީހުންގެ މަރުގެންދަވަން އެހެން އިންސާނުންނަށް ޙައްޤު ލިބިގެނެއް ނުވެއެވެ.

ކީރިތި ޤުރްޢާނުގައި އެކަލާނގެ ވަޙީ ކުރައްވާފައިވަނީ، "ޝިރްކު ކުރާ މީހާއާއި، ޒިނޭ ކުރާ މީހާއާއި ގަސްތުގައި މީހަކު މަރައިފި މީހަކަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ. އަދި މުސްލިމަކު މީގެން ކަމެއް ކޮށްފިނަމަ، އެމީހަކަށް ލިބޭ އަޒާބު ތިމަންކަލާނގެ ދެގުނަ ކުރައްވާ ހުށީމެވެ. އެހެނީ އެއީ ބޮޑުވެގެންވާ ފާފައެއްކަން މުސްލިމަކަށް އެނގިހުރެ އެކަން ކުރީތީއެވެ. މުޝްރިކުން އެކަން ކުރިއިރު އެއީ ފާފައެއްކަން އެމީހުންނަށް ނޭނގުނު ކަމުގައި ވިޔަސް، މުސްލިމުންނަށް އެއީ ފާފައެއްކަން އެނގި ހުރެވެސް އެކަން ކުރުމުންނެވެ."

ދީނީ ޢިލްމުވެރިން މިކަމާއިމެދު ވިދާޅުވެފައިވަނީ، މިތިން ފާފައަށް މާތް ﷲ ޙަޟްރަތުގައި ދެގުނައަށް ފާފަ ލިބެނީ، އެއީ މިފާފަތަކަކީ މުސްލިމެއް ކަމުގައިވެ ހުރެ އިންސާނުން ކުރަން ނުހަނު ލަދުވެތި ފާފަތައް ކަމަށާއި އަދި އެއީ އިންސާނިއްޔަތާއި ވެސް ޚިލާފު ޢަމަލުތަކަކަށް ވެސް ވުމުން ކަމަށެވެ. އިސްލާމީ ރިވެތި ހަމަތަކުގެ މަތިން ދިރިއުޅޭ މުސްލިމުން، މިތިން ފާފައިން ދުރުވެގެންވާނެ ކަމަށް ވެސް އެބޭކަލުން ވިދާޅުވިއެވެ.
މިއަދު އޮންލައިން