ފަތިސް ނަމާދު ކުރުމުން ލިބޭ ހަތަރު ފައިދާއެއް

ކިޔުމަށް ހޭދަވާނީ 2މ 35ސ
ފަތިސް ނަމާދު ކުރުމުން ލިބޭ ހަތަރު ފައިދާއެއް
ފަތިސް ނަމާދަކީ ކޮންމެ ދުވަހެއްގެ ވެސް އެންމެ ފުރަތަމަ ނަމާދެވެ. އިރުއެރުމުގެ ކުރިން، ފަތިސް ނަމާދަށް ބަންގި ގޮވާއިރު، ހިތާމައަކީ ގިނަ މީހުން އެގަޑީގައި ނިދާފައި ތިބޭ ކަމެވެ. އެވަގުތުގައި ފަތިސް ނަމާދުކުރަން الله سبحانه وتعالى އަންގަވާފައިވަނީ އިމްތިޙާނެއްގެ ގޮތުގައިކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައި، ނިދިނަގާލާ އަޅުން އިމްތިހާނު ކުރެއްވުމަށްޓަކައެވެ.

ފަތިސް ނަމާދު ކުރުމުން ލިބޭ ފައިދާތައް ނުހަނު ގިނަގުނައެވެ. އޭގެ ތެރެއިން ލިބޭ ހަތަރު ފައިދައަކީ:

• ނަފްސު ޠާޙިރުވުން

ކީރިތި ޤުރްޢާނާއި ރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘްފުޅު ތަކުން ވެސް ހާމަވެފައިވާ ގޮތުގައި ފަތިސް ނަމާދު އަދާކޮށް، އެކަލާނގެއަށް އަޅުކަން ކުރުމުގައި ވަގުތު ހޭދަ ކުރާ އަޅެއްގެ ނަފްސު ޠާޙިރުވާނެއެވެ. އެހެނީ ނުބައި ޢަމަލުތައް ކުރުމުން އޭނާ ދުރުވާނެއެވެ.

• ފަތިސް ނަމާދު ކުރުން ރަސޫލާ صلّى الله عليه وسلّم ގެ ސުންނަތުގެ ތެރެއިން ވެސް ހިމެނިގެންވޭ

ކޮންމެ ނަމާދެއް އަދާ ކުރުމަކީ ވެސްފަރުޟީ އަޅުކަމެއްގެ އިތުރުން، މާތް ރަސޫލާ މުޙައްމަދު صلّى الله عليه وسلّم ގެ ސުންނަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ނަމާދަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ހިމެނިގެންވާ މާތް އަޅުކަމެކެވެ. އެހެންކަމުން އެކަލޭގެފާނު ވެސް ހުރިހާ ނަމާދެއްވެސް ޤާއިމް ކުރެއްވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ، ނަމާދަކީ ހުރިހާ މުސްލިމުންގެ އީމާންތެރިކަމަށް އެންމެ ފައިދާ ކުރުވާނެ އަޅުކަން ކަމަށާއި ނަމާދު ކުރުމުން އިސްލާމްދީނަށްޓަކައި ހިތްތަކުގައި ޔަޤީންކަން އިތުރުވާނެ ކަމަށެވެ.

• ދުވަސް ފުރިހަމަ ގޮތުގައި ފެށޭނެ

ދުވަހުގެ ފެށުން ފަތިސް ނަމާދު ކުރުމުން ފަށާ މީހުންނަށް އެދުވަހެއްގެ ދެން ބާކީބައި ވަރަށް ފުރިހަމަކަމާއި ހަމަޖެހުމާއިއެކު ހޭދަ ކުރެވޭ ކަމަށް، ގިނަ މީހުން ވެސް އެއްބަސްވެއެވެ. އެއީ އެދުވަހެއްގެ ފެށުން ހެޔޮ ގޮތުގައި ފެށޭތީއެވެ. ރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘްފުޅު ތަކުން ވެސް ހާމަވާ ގޮތުގައި، މާތް ﷲ އަށް އަޅުކަން ކުރުމުގައި އެމީހެއްގެ ދުވަސް ފަށާމީހެއްގެ، އެދުވަހުގެ ބާކީ ބައި ނުހަނު ގިނަ ބަރަކާތުން ފުރިގެންވެއެވެ.

• ވަގުތުގެ މުހިންމުކަން އަންގައިދޭ

ރޭގަނޑުގެ ވަގުތުގައި އަވަހަށް ނުނިދައިފިނަމަ، ފަތިސް ނަމާދު ގަޑިއަށް ހޭނުލެވިދާނެއެވެ. ލަހުން ނިދައިގެން ފަތިސް ނަމާދަށް ހޭލިނަމަވެސް، ހުންނާނީ ނިންޖަށް ވަރަށް ބޮޑަށް ބަރުވެފައެވެ. އެހެންކަމުން ނަމާދަށް ރަނގަޅަށް ސަމާލުކަން ނުދެވި، އަދި ނަމާދަށް ހުންނައިރު ނިދިޖެހޭ ގޮތްވެސް ވާނެއެވެ. މިފަދަ ކަންތައްވުމުން ދުރުހެލިވުމަށްޓަކައި، ރޭގަނޑުގެ ވަގުތުގައި އަވަހަށް ނިދަން ސަމާލުކަން ދެވެން ފަށައެވެ. ވަކި ގޮތްތަކަކަށް ތިމާގެ ޙަޔާތް ބައްޓަންކޮށް އެކި ކަންކަމަށް ވަގުތު ބަހާލައިގެން ކުރަން އަޙައްމިއްޔަތުކަން ދެވެއެވެ.
މިއަދު އޮންލައިން