ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ ބައްދަލުކުރި މެޗުން ވަރުގަދަ ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ރޭ ކުޅުނު މެޗުން ޖިރޯނާ އަތުން ރެއާލް ބަލިވެފައިވަނީ 2:1 ގެ ނަތީޖާއަކުންނެވެ.
ޖިރޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލް އިންނެވެ. މި ގޯލު މެޗުގެ 12 ވަނަ މިނެޓްގައި ރެއާލް އަށް ކާމިޔާބުކޮށްދިނީ އިސްކޯ އެވެ. މި ގޯލަށްފަހު ވެސް ރެއާލް އިން ވަނީ ޖިރޯނާގެ ގޯލަށް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްލަން ޖިރޯނާ އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެޓީމުގެ ޕޯޓޫ ބޮލުން ފޮނުވާލި ދެ ހަމަލާ އެއް އަމާޒުވެފައިވަނީ ރެއާލްގެ ގޯލުގެ ދަނޑިއަށެވެ.
ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުނަމަވެސް ދެވަނަ ހާފްގައި ޖިރޯނާ އިން ވަނީ ރަނގަޅަށް ކުޅެ ރެއާލްގެ ގޯލަށް ފުލުފުލުން ހަމަލާ އުފައްދާ ވަރަށް ބޮޑަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ސްޓުއާނީ ވަނީ ގޯލެއް ޖަހާ ޖިރޯނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ކުރިން މިޑިލްސްބަރާއަށް ކުޅުނު ސްޓުއާނީ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
އަދި މި މެޗުން ޖިރޯނާ މޮޅުވި ގޯލު އޭގެ ހަތަރު މިނެޓްފަހުން ކާމިޔާބުކޮށްދިނީ ޕޯޓޫއެވެ.
ރޭގެ މެޗަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލް ބަލިވި ދެވަނަ މެޗެވެ.
މިއީ ކަޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ޖިރޯނާ ސްޕެނިޝް ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސްޕެނިޝް ލީގުން ޖިރޯނާ ފުރުސަތު ހޯދީ ސްޕެއިން ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ.
ރޭގެ މެޗުން ބަލިވުމުން ރެއާލް އޮތީ 20 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 24 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު އެއްވަނައިގައި 28 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. ރޭގެ މެޗުން މޮޅުވި ޖިރޯނާ އޮތީ 12 ޕޮއިންޓާއެކު ލީގުގެ 12 ވަނައިގައެވެ.