ކޮންމެ މީހަކީވެސް މަރުގެ ވޭން އަޅާނެ މީހެކެވެ. "ސަކަރާތުލް މައުތި" އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އާއި ވެސް ބައްދަލުވިއެވެ. އިތުރުމާތް ނަބިއްޔާގެ އިސްތަށިފުޅު ފުރޮޅުއްވެވިއެވެ. ހަށިކޮޅުން އޮއްދާ ހިއްލިއެވެ. މިއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަންކަމެވެ. ފެންނަ ގޮތް ތަފާތުވެދާނެއެވެ.
ތިބާ މަރުވުމުގެކުރިން ތިބާއަށް މަރުގެ މަލާއިކަތާ ފެންނާނެވެ. މަރުވަނީކަން އެނގޭނެއެވެ. ނަމަވެސް ކުރިން ތައުބާ ނުވެ ހުރި މީހަކަށް ތައުބާއެއް ނުވެވޭނެއެވެ. މިއީ ކީރިތި ޤްރްއާނުންނާއި އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ސާބިތުވާ ކަންކަމެވެ.
މީހާގެ ފުރާނަ ހަށިގަނޑުން ނުކުމެގެންދާއިރު އެތަން އެމީހާއަށް ފެންނާނެއެވެ. ފުރާނަ ، ރޫހް ދާނީ މައްޗަށް އަރައިގެންނެވެ. މަރުވާ މީހުންގެ ލޮލުގެ ކަޅި މައްޗަށް ހުއްޓިފައި އެހުންނަނީ އެހެންވެގެންނެވެ.
މާތް ﷲ ގެ މަގުގައި އުޅުނު މީހާގެ ފުރާނަ ހިއްޕަވާ ވަގުތު އޭނާއަށް މަރުހަބާ ކިޔުމަށް މަލާއިކަތް ބޭކަލުންގެ ފައުޖުތައް ވަޑައިގަންނަވާނެއެވެ. މުޅި ސަރަހައްދު ފުރިފައިވަނިކޮށް ފެންނާނެއެވެ. އެބޭކަލުންގެ މޫނުފުޅުން ފެންނާނީ އުޖާލާ ކަމެވެ.
އެބޭކަލުން ވިދާޅުވާނެތެވެ. ކަންބޮޑުނުވާށެވެ. ކަލޭގެ އާއިލާ އާއިމެދު ނުވިސްނާށެވެ. ތިބާ ހިމާޔަތްކުރައްވާނީ ތިމަން ބޭކަލުންނެވެ. ތިބާގެ ރޫހުގައި ލައްވަވާނެ ފޭރާމާއި ހުވަނދު އެބޭކަލުން ސުވަރުގެއިން ގެންނަވާނެއެވެ. ތިބާގެ ރޫހު އުފުލިގެންދާނީ އެއިގެތެރޭގައެވެ.
މާތް ﷲ ގެ ޙަޟްރަތަށް ތިބާގެ ފުރާނަ އުފުއްލެވޭނެތެވެ. ތިބާގެ ނަން މާތް މީހުންގެ ފޮތުގައި ލިޔުއްވަވަން މާތް ﷲ އަންގަވާނެތެވެ. ތިބާގެ ރޫހު އަރާމުކުރުމަށްޓަކައި ކައްވަޅަށް ގެންދެވޭނީ އެއިގެ ފަހުންނެވެ. ޝަހީދުން ފިޔަވައެވެ. ޝަހީދުންގެ ރޫހު ވާނީ ސުވަރުގޭގައި އުދުހި އުދުހިއެވެ.
ވިސްނާށެވެ. ކައްވަޅުގެ ސުވާލުތަކަށް ޖަވާބު ދެވޭނީ ދުނިޔޭގައި އުޅުނު އިރު ބުނި ބަސްތަކަކުންނޫނެވެ. ޖަވާބު ދެވޭނީ ތިމާ ައަމަލުކުރި ގޮތުގެ މައްޗަށެވެ. ދުނިޔޭގައި ހޭދަކުރި ދުވަސްތަކުގައި މާތް ﷲ އަށް އީމާންވަމޭ ދުލުން ބުނުމަކުން ނުފުދޭނެއެވެ. ހަމައެކަނި ދުލުން އެބަސް ބުނި މީހުންނަކަށް ކައްވަޅުގެ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ. ޖަވާބު ދެވޭނީ އަމަލުން އެކަން ކުރި މީހުންނަށެވެ.
ވިސްނާށެވެ. ކައްވަޅުގެ ސުވާލުތަކަށް ޖަވާބު ނުދެވުނު މީހުން ދަންނާށެވެ. އެމީހުން ތަފާތު އުޒުރުތައް ދައްކާނެއެވެ. ނަމަވެސް އެއިން އެއްވެސް އުޒުރަކީ މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުފުޅު ވެވިގެންދާނެ ކަންކަމެއް ނޫނެވެ. މާތް ﷲ އެންގެވި ގޮތުގައި އަމަލު ނުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އެމީހުން ކައްވަޅުގައި ދެމިތިބޭނީ ގަދަފަދަ އަޒާބުގައެވެ. ގަދަފަދަ އަޒާބު ލިބިލިބިއެވެ.
ގުޅުންހުރި ވީޑިއޯ: