ދުޢާ ކުރުމަކީ އެންމެންނަށް ވެސް ވަރަށް މުހިންމު ކަމެކެވެ. މުސީބާތްތަކުން ސަލާމަތްވެ، މައްސަލަތަކަށް ޙައްލުދީ އަދި ތިމާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް އެންމެ ފަސޭހައިން ހާސިލް ކުރެވޭނީ ހެއްދެވި ފަރާތަށް ދުޢާ ދެންނެވުމުންނެވެ.
އެގޮތުން، ދުޢާ ކުރުން އެންމެ ރަނގަޅު ވަގުތުތަކެއް އަދި އެންމެ ފަސޭހައިން ދުޢާ އިޖާބަ ކުރައްވާނެ ވަގުތުތަކެއް ވެއެވެ.
• ދަންވަރު ގަޑީގައި(މަސްދަރު: ސަޙީޙް އަލް ބުޚާރީ)
ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުން އެނގިފައިވާ ގޮތުގައި ރޭގަނޑުގެ ބައިތަކުގެ ތެރެއިން ތިންވަނަ ބައިގާ (ދަންވަރު ވަގުތު) ކުރާ ދުޢާ އެކަލާނގެ އިޖާބަކުރައްވާނެއެވެ. އެންމެ އެދެވިގެންވާ ގޮތަކީ ދަމުނަމާދަށްފަހު ދުޢާ ދެންނެވުން ކަމަށް ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުގައި ވެއެވެ.
• ސަޖިދައިގާ އޮންނަ ވަގުތު (މަސްދަރު: ސަޙީޙް އަލް ބުޚާރީ)
އެކަލާނގެއާއި އެކަލާނގެ ހެއްދެވި އަޅާއާއި ދެމެދު އެންމެ ގާތްކަން ބޮޑުވެގެންވާ ވަގުތަކީ ނަމާދު ކުރާއިރު ސަޖިދައިގާ އޮންނަ ވަގުތުއެވެ. ސަޖިދައިގާ އޮވެ ކުރާ ދުޢާ ފަސޭހައިން އިޖާބަ ކުރައްވާނެއެވެ.
• ބަންގި އާއި ގަމަތް ދިނުމާއި ދެމެދުގެ ވަގުތު (މަސްދަރު: އަހްމަދު، އަބޫ ދާވޫދް، ތިރްމިދީ)
މިއީ ގިނަ ބަޔަކަށް އެނގިފައިވާ ކަމެއް ނޫނެވެ. ނަމަވެސް ނަމާދަށް ބަންގި ގޮވުމަށްފަހު ގަމަތް ދިނުމުގެ ކުރިން ކުރާ ދުޢާ ވެސް އެކަލާނގެ އަވަހަށް އިޖާބަ ކުރައްވައެވެ.
• ފަރްޟު ނަމާދަށްފަހު ކުރާ ދުޢާ (މަސްދަރު: ތިރްމިދީ)
ހުރިހާ މުސްލިމުންގެ މައްޗަށް ވެސް ކޮންމެ ދުވަހަކު ފަސް ނަމާދު ފަރްޟު ކުރައްވާފައިވެއެވެ. އެގޮތުން ކޮންމެ ފަރްޟު ނަމާދެއް އަދާ ކުރުމަށްފަހު، އެކަލާނގެ ޙަޟްރަތައް ދަންނަވާ ދުޢާ ފަސޭހައިން އިޖާބަކުރައްވާނެ ކަމަށް ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅު ތަކުން ހާމަ ވެގެންވެއެވެ.
• ވާރޭ ވެހޭ ވަގުތު (މަސްދަރު: އަބޫ ދާވޫދް އަދި އިބްން މަޖާހް)
ވާރޭ ވެހޭ ވަގުތު ނަމާދުކޮށް އެކަލާނގެ ޙަޟްރަތައް ދަންނަވާ ދުޢާ ވެސް ފަސޭހައިން އިޖާބަ ކުރައްވައެވެ. އެއީ ކަމަކަށް އެދި ދަންނަވަން އެންމެ ރަނގަޅު ވަގުތުތަކުގެ ތެރެއިން ހިމެނިގެންވާ ވަގުތެކެވެ.
• ދަތުރެެއްގެ މަތީގައި ކުރާ ދުޢާ (މަސްދަރު: ބޭޙަޤީ، ތިރްމިދީ، ސަޙީޙް އަލް ބުޚާރީ)
ދަތުރެއްގެ މަތީގައި ހުންނަ ދަތުރުވެރިޔާ ކުރާ ދުޢާ ވެސް އެކަލާނގެ ފަސޭހައިން އިޖާބަ ކުރައްވާނެ ކަމަށް ކީރިތި ޤުރްޢާނުންނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅު ތަކުން ހާމަވެފައިވެއެވެ.
• ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ (މަސްދަރު: ތިރްމިދީ)
ރޯދަ އަކީ އިސްލާމްދީނުގެ ފަސް ރުކުންތަކުގެ ތެރެއިން ހިމެނޭ ތިންވަނަ ރުކުނެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތައް ރޯދަ ހިފާ މީހުންނަށް ލިބޭ ސަވާބާއި ދަރުމަ ވެސް އެހާމެ ބޮޑެވެ. އަދި މުޅި ދުވަހު ރޯދައަށް ހުުރުމަށްފަހު ރޯދަ ވީއްލާ ވަގުތު، އެކަލާނގެ ޙަޟްރަތައް ދަންނަވާ ދުޢާ މާތް ﷲ އަޑުއައްސަވާ ވަރަށް ފަސޭހައިން އިޖާބަ ކުރައްވައެވެ.
• ރަސޫލާ (ޞޢޥ) އަށް ޞަލަވާތާއި ސަލާމް ދެންނެވުމަށްފަހު (މަސްދަރު: ބޭޙަޤީ، ތިރްމިދީ)
މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އާއި އެކަލޭގެފާނުގެ ޢާލު އަސްޙާބުންނަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ދެންނެވުމަށް އަންގަވާފައިވާއިރު، އެކަލޭގެފާނަށް ޞަލަވާތް ދެންނެވުމަށް ފަހު ކުރާ ދުޢާ ވެސް ފަސޭހައިން އެކަލާނގެ އިޖާބަ ކުރައްވައެވެ.
• ޢަރަފާތު ދުވަހު (މަސްދަރު: ތިރްމިދީ)
ޢަރަފާތު ދުވަހަކީ ކޮންމެ ޛުލްޙިއްޖާ މަހެއްގެ ނުވަ ވަނަ ދުވަހެވެ. މިދުވަހަށް ޙައްޖު ދުވަހޭވެސް ކިޔައެވެ. ޢަރަފާތު ދުވަހު ކުރާ ދުޢާ ވެސް އެކަލާނގެ ވަރަށް ފަސޭހައިން އަޑު އައްސަވައެވެ.
• ބަލިމީހަކަށް ގޮވާލަންދާ ވަގުތު (މަސްދަރު: ތިރްމިދީ)
ބަލިމީހަކަށް ގޮވާލަން ގޮސް، އޭނާއަށް އަވަސް ޝިފާއެއް ދެއްވުން އެދި އޭނާގެ މައްޗަށް ކުރާ ދުޢާވެސް އެކަލާނގެ ވަރަށް އަވަހަށް އިޖާބަކުރައްވައެވެ.
މިވަގުތުތަކުގެ އިތުރުން، އެބަޔަކު ކުރާ ދުޢާ ފަސޭޙައިން އިޖާބަ ކުރައްވާނެ ތިން ބަޔަކު ވެއެވެ. އެއީ ކުށެއްނެތި އަނިޔާ ލިބެމުންދާ މީހާ ދަންނަވާ ދުޢާ އާއި ދަރީންގެ މައްޗަށް މައިމީހާ ކުރާ ދުޢާ އާއި ދަތުރުވެރިން ދަތުރުމަތީގައި ތިބެ ކުރާ ދުއާއެވެ.
ދުޢާ ކުރުމާއިމެދު ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަނީ އެކަލާނގެ ޙަޟްރަތައް ދުޢާ ދަންނަވާއިރު ނުހަނު ހަމަޖެހިގެން ތިބެ އަމިއްލަ ހިތާއި ނަފްސުން ދުޢާ ދެންނެވުމަށެވެ. އަދި މީގެ އިތުރުން ލޮލުން ކަރުނަ ފޫދާލުމާއިއެކު ދުޢާ ކުރުމަށާއި ތެދުވެރި ކަމާއިއެކު ދުޢާ ދެންނެވުމަށް އެކަލޭގެފާނު ޙާދީޘްފުޅު ކުރައްވާފައިވެއެވެ.