ކަން މިހެން އޮތް ނަމަވެސް މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުނުކުރާނަމަ ވެރިންގެ އަމަލުތައްވެސް ވާނީ ފިތުނައަކަށެވެ. އެކަމަށް ދެއްވަވާ އަޒާބު ލިބޭނެ ބައަކަށެވެ.
ވެރިންނަކީ ލިބިދާނެ މާލީ އެނޫންވެސް މަންފާއަށް ބަލައިގެން އެއްވެސް ކަމެއް ކޮށްގެންވާނެ ބައެއް ނޫނެވެ. ވެރިން ވާންވާނީ ރައްޔިތުންނާއި ބައިވެރިވެ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބައަކަށެވެ. ރައްޔިތުންނާއިމެދު އަދުލުވެރިކަމާއިއެކު ކަންކަން ކުރާ ބައަކަށެވެ. އެކަންކަން އެ ގޮތަށް ނުކުރާނަމަ އެކަންކަން ވެސް ވާނީ ފިތުނައަކަށެވެ.
ވެރިން ނޫން ނަމަވެސް މާތް ﷲ އެންގެވި ގޮތުގައި ކަންކަން ނުކުރާނަމަ އެމީހަކު ކުރާކަންކަން ވާނީ ފިތުނައަކަށެވެ. ވެރިންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޤައުމުގެ ވެރިންނެއް ނޫނެވެ. ކޮންމެ މީހަކީވެސް އެމީހަކާއި މާތް ﷲ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުގައި ވެރިއެކެވެ. އެއްވެސް މީހަކަށް އެމީހެއްގެ ޒިންމާއިން ރެކި ބަރީޢައެއް ނުވެވޭނެއެވެ. ޤިޔާމަތް ދުވަހުން ޖަވާބުދާރީ ނުވެ ސަލާމަތެއް ނުވެވޭނެއެވެ.
ފިތުނައަކީ ދެމީހެއްގެ މެދުގައި ދެބައޮޑުވައި ފިތުނަވެރިކުރުވުމެއް ނޫނެވެ. މާތްﷲ އެންގެވި ގޮތަށް އަމަލުނުކުރުމަކީވެސް ފިތުނައެކެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ ފެންވަރުން ވެރިކަން ބޭނުންވާނެ މީހެކެވެ. ޤައުމުގެ ވެރިކަމާއި ބާރުތަކުން ފެށިގެން އެންމެ އާދައިގެ ކަންކަމުގައިވެސް ވެރިކަން ހޯދަން ޝައުޤުވެރިވުމަކީ އިންސާނީ ޠަބީއަތެވެ.
(މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ޢަލީ ރިޟާ ދެއްވެވި ދަރުސުން. މިއަދުގެ ދަރުސްގައި ޝައިޚް ވަނީ ކަހަފް ސޫރަތަށް އަލިއަޅުއްވާލައްވައި ފިޠުނަ ހިމެނޭ މައިގަނޑު 4 ބައެއް ތަފްޞީލުކޮށްދެއްވާފައި.)